މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލާގައި ޕެސްޓް ހައްޔަރުކޮށްފައިވާއިރު މިއަދާ ހަމަޔަށް އޭނާ ހުރީ ބަންދުގަ އެވެ.
އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ޖޫން މަހު އެވެ.
ދަށު ކޯޓުން ކޮށްފައިވާ އަމުރު ޕެސްޓުގެ ފަރާތުން މިއަދު އިސްތިއުނާފް ކުރުމުން، އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުރުމުންނާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ. އަދި ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ބަންދާ މެދު ގޮތެއް ނިންމުމުގައި ކޯޓުން ބަލަންޖެހޭނީ އެ ކަންތައްތަކަށް ކަމަށް އެ ހުކުމުގައިވެ އެވެ.
ދައުލަތުން ޕެސްޓުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:
- ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ
- ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ