އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްއަށް އޭނާގެ އުމުރުން 39 އަހަރުގައި އަލަށް އައިޕެޑެއް ލިބިއްޖެ އެވެ.

މައްސަލަ ބޮޑު ބަލަދުވެރިކަމުގެ ދަށުން ބްރިޓްނީއަށް މީގެ ކުރިން ވަނީ އިންޓަނެޓާއި ފޯނު ބޭނުންކުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.

"ކުރިން އަހަރެން އަތުގައި އޮތްހާ ވެސް އެއްޗަކީ ކުޑަކުޑަ ފޯނެއް،" އުފަލުން ހުރެ ބްރިޓްނީ ބުންޏެވެ.

ބްރިޓްނީ އިތުރަށް ބުނީ އޭނާގެ ދިރިއުޅުން ބަދަލުވަމުން އަންނަކަމުގެ އިހުސާސް ކުރެވޭ ކަމަށާއި މިއީ ތާރީޚީ ދުވަހެއް ކަމަށެވެ.

އަލަށް އައިޕެޑް ލިބުމުގެ އުފަލުގައި ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި ބްރިޓްނީ ބުނެފައިވަނީ އޭނާގެ ފުރާވަރުގެ އުމުރުގެ ދަރިން ވެސް އައިޕެޑް ގެންގުޅޭޕކަމަށާއި ނަމަވެސް އޭނާއަށް އެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

ބަލަދުވެރިކަމުގެ ދަށުން ބްރިޓްނީގެ މާލީ އަދި ޒާތީ ދިރިއުޅުން އޭނާގެ ބައްޕަ ޖޭމީ ސްޕިއާސް ކޮންޓްރޯލް ކުރަމުން ދިޔައިރު ބްރިޓްނީ ވަނީ ބަލަދުވެރިކަން ހުއްޓުވުމަށްޓަކައި ބައްޕައާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފަ އެވެ. އެތައް މަސައްކަތަކަށްފަހު އެންމެ ފަހުން އޭނާ މިވަނީ "މިނިވަން" ވެފަ އެވެ.