އައްޑޫއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާތީ ސަރުކާރުން އެ ސިޓީއަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ އައްޑޫގައި ކުރިއަށްދާ މަޝްރޫއުތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ. އެގޮތުން މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަދަރާއި ސިއްހީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި މި ނޫންވެސް އެ ސިޓީގެ އިގްތިސާދީ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ގިނަ ކަންކަން ކުރިޔަށްގެންދިއުމުގެ ޒިންމާ ސިޓީ ކައުންސިލަށް އޮތްނަމަވެސް އެކަންކަން ކުރިޔަށްގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އައްޑޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ސިޓީ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުގެ މެންބަރުންނާއި މަޝްވަރާކުރައްވާފަ އެވެ.

ސިޓީ ކައުންސިލުން ވަނީ ސަރުކާރުން އައްޑޫގައި ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިޔަށްގެންދާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ. އޭގެ އިތުރުން ޞިއްހީ ޚިދުމަތާއި މަގުހެދުން ބަނދަރުހެދުން ފަދަ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތަކާއި އަދި ސިޓީގެ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާ އެކި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ގުޅޭގޮތުންނާއި އެކި މަޝްރޫއުތަކާ ޚިދުމަތްތަކާ ގުޅިގެންހުރި ކަންބޮޑުވުންތައް ވެސް ކައުންސިލަރުން ރައީސާ ހިއްސާކުރެއްވި އެވެ.