ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގެ ސައްހަކަން ކަށަވަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމެޓީ)އަށް ހުށަހަޅަން ނިންމާފައިވާކަމަށް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އައު ގާނޫނުން އެކުލަވާލާފައިވާ ފުލުހުންގެ ބޯޑުން ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ އިސް އޮފިޝަލުންތަކެއް ވަކިކުރަން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ކާނަލް ނާޒިމް ވިދާޅުވީ ފުލުހުންގެ ބޯޑުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއްތޯ ބެލުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ނާޒިމްގެ ޓުވީޓެއްގައި ވަނީ ފުލުހުންގެ މުއައްސަސާއާއި ސީޕީ މުހައްމަދު ހަމީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޓެގް ކުރައްވާފަ އެވެ.

"ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް، ސައްހަގޮތުގައި ކުރިކަމެއްތޯ ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހަޅަން ނިންމައިފިން،" ނާޒިމް ވިދާޅުވި އެވެ.

ފުލުހުންގެ ބޯޑުން ނިންމި ނިންމުން ސީޕީ ހަމީދު އަންނަނީ އެ ނިންމުން ތަންފީޒުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުންނެވެ. ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ.

ފުލުހުންގެ އަލަށް އުފެއްދި ބޯޑުގެ ނިންމުމާމެދު އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކޯލިޝަނުން ވަނީ އެ ނިންމުން ރިވިއު ކުރަން ގޮވާލާފަ އެވެ.

ސަރުކާރުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ ގޮވާލާފައެވެ. ފުލުހުންގެ 7 އޮފިސަރުން މަގާމުން ވަކިކުރަން ނިއްމީ ބަދަލު ހިފުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ބޯޑުގެ ނިންމުމަކީ ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.