މަޝްހޫރު ހިންދީ ފިލްމު "ދިލް ޗާތާހޭ" އަށް 20 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ފަރްހާން އަކްތަރް މިވަނީ އޭނާގެ ސަޕޯޓަރުންނަށް ވަރަށް ބޮޑު ހަދިޔާއެއް ދީފަ އެވެ.

އެއީ ފަރްހާން އަކްތަރް ޑައިރެކްޓްކޮށް އަދި ބޮލީވުޑްގެ މަޝްހޫރު ތިން ބަތަލާއެއް ހިމަނައިގެން "ޖީލޭ ޒަރާ" ގެ ނަމުގައި ފިލްމެއް އުފައްދަން ހަމަޖެހިފައިވާ ވާހަކަ އިއުލާންކުރުމެވެ.

މި ފިލްމުގައި ފެނިގެންދާނެ ތިން ބަތަލާއިންނަކީ އާލިއާ ބަޓާއި ކެތްރީނާ ކައިފް އަދި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އެވެ.

މި ފިލްމަކީ ރޯޑް ޓްރިޕެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މިއީ ފަސް އަހަރަށް ފަހު ބޮލީވުޑްގެ ފިލްމަކުން ޕްރިޔަންކާ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ޕްރިޔަންކާ ޗޯޕްރާ ބުނިގޮތުގައި އާލިއާ އާއި ކެތްރީނާއަކީ އޭނާގެ ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ. އެގޮތުން އޭނާގެ ރައްޓެހިންނާއެކު ފިލްމެއްގައި މަސައްކަތް ކުރުމަށް ބޭނުންވެގެން އެ ވާހަކަ ފަރްހާން އަކްތަރް އާ ހަމައަށް ގެންދިޔައީ ޕްރިޔަންކާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭރު ފަރްހާން ވެސް ދިޔައީ އަންހެން ރޯޑް ޓްރިޕެއްގެ މަސައްކަތެއް ފެށުމަށް ތައްޔާރުވަމުން ކަމަށް ވާތީ މި ފުރުސަތު ލިބިގެން ދިޔައީ ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެ އެވެ.

ފަރްހާން އަކްތަރް، ޒޯޔާ އަކްތަރް އަދި ރީމާ ކަގްޓީ ލިޔެފައިވާ މި ފިލްމަކީ ފަރްހާން ގެ "ދިލް ޗާތާހޭ" އަދި ޒޯޔާގެ "ޒިންދަގީ ނާ މިލޭގީ ދުބާރާ" އާއި ކޮންމެވެސް ވަރަކަށް އެއްގޮތް ކަމެއް ހުންނާނެ ފިލްމެއްކަން ވަނީ ބުނެފަ އެވެ. މި ފިލްމުގެ މަސައްކަތްތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރު ކަމަށާއި ފިލްމު ރިލީޒްކުރެވޭނީ 2023 ވަނަ އަހަރު ކަމަށް ވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފަ އެވެ.

ކޮންމެއަކަސް މި ހަބަރާއެކު އާލިއާ، ކެތްރީނާ އަދި ޕްރިޔަންކާ ގެ ސަޕޯޓަރުން ތިބީ އުފަލުން ފޮޅިފަ އެވެ. އެ މީހުން މިހާރުއްސުރެ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދަނީ ފިލްމު ބަލާލަން ލިބޭނެ ދުވަހަކަށެވެ.