ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ބޭނުމަކީ އުތުރުތިލަ ފަޅުގައި އަސްކަރީ ވަކި ހިއްޕަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް 2023 ވަނަ އަހަރު ނިމޭއިރު ވެސް އެއްކޮށް ނިންމާނުލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވުމާއެކު އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގަ އެވެ.

މެމްބަރު ސައީދު އިތުރަށް ވިދާޅުވި ބްރިޖް އެޅުމުގެ ނަމުގައ ހިންގަނީ މުޅިން ތަފާތު އެހެން ކަމެއް ކަމަށެވެ. އަދި ބްރިޖްގެ މަޝްރޫއު މިސަރުކާރުން ހަވާލުކޮށްފައި ވަނީ އެއްވެސް ފަންނީ ގާބިލުކަމެއް ނެތް ކުންފުންޏަކާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އަދި މީގެ ކުރިންވެސް އިންޑިޔާ ކުންފުނިތަކާ ހަވާލުކުރި ބައެއް މަޝްރޫއުތައް ނުހިންގި އެތައް ޒަމާނެއް ފާއިތުވެފައިވާކަން ފާހަގަކުރައްވަމުން ޓާޓާ ކުންފުންޏަށް މާލެއިން ދީފައިވާ ބިންތަކުގެ ތެރެއިން ނާދީ ބިމާ ގުޅޭ ގޮތުން ސުވާލެއް ސައީދު އުފެއްދެވި އެވެ.

"10 އަހަރުވީ، މަޖީދިއްޔާ ކައިރީގައި އޮންނަ ނާދީ ބިމުގައި އިމާރާތްކުރަން ހަވާލުކުރި މަސައްކަތް ނިންމައިލެވިއްޖެތޯ،" ސައީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ބްރިޖްގެ މަޝްރޫއު ކުރިއަށްގެންދާނެ ކުންފުނި ކަނޑައެޅުމުގެ މަސައްކަތް ނިންމައި، އެ ކުންފުންޏަށް މިހާރު މަޝްރޫއު އެވޯޑު ވެސް ކުރެވިފައިވާ ކަމަށެވެ. އަދި ދެން ކުރިއަށް އޮތީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ)ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.