ތިން ބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމެއްގައި، ވެރިކަން ހިންގާ ބާރާއި ގާނޫނު ހެދުމުގެ ބާރު ވަކި ފަރާތެއްގެ އަތްދަށުވެ އެފަރާތުގެ ކޮންޓްރޯލްގެ ދަށުގައިވާކަން ރަސްމީކޮށް އިއުލާންވެގެން ދިއުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ އެ މަނިކުފާނު ވެރިކަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކު ކަމަށާއި އެކަން ދަމަހައްޓަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމެއް ކަމަށާއި އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާންޖެހޭ އިރު އެކަން އެގޮތަށް ވާތަން ފެނިގެން ނުދާ ކަމަށެވެ.

"ވެރިކަން ހިންގާ ބާރާއި ގާނޫނު ހެދުމުގެ ބާރު ވަކި ފަރާތެއްގެ އަތްދަށުވެ އެ ފަރާތުގެ ކޮންޓްރޯލްގެ ދަށުގައިވާ ކަން ރަސްމީކޮށް އިއުލާން ވެގެން ދިއުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް،" ޝަހީމް ވިދާޅުވި އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރަން ދަތިފުޅުވާ ކަން ކުރީގެ ސަރުކާރުތަކުން ސާފުވެގެން ދިޔައިރު، އެމަނިކުފާނަށް މަޖިލީހުގެ މެޖޯރިޓީ އޮތުން މުހިއްމު ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނަށް ކަމަށާއި އެ ގޮތަށް އެ މެޖޯރިޓީ ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވަރަށް ބޮޑެތި ގޮންޖެހުންތައް [ޔާމީނަށް] ކުރިމަތިވެވަޑައިގެންނެވި. ވަޑައިގަންނަވަން ޖެހުނީ މުޅިން އެހެން މަގަކުން ދެން. އެހެންވީމާ އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ ރައީސް ނަޝީދު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މިކަމާ ގުޅިގެން އެމްޑީޕީ ތެރޭގައި ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ވެފައިވާއިރު އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބިފައިވާ މަޖިލީހުގައިވެސް ވަނީ ދެ ފެކްޝަނެއް އުފެދިގެން ގޮސްފަ އެވެ. ދެ ފެކްޝަނެއް އުފެދިގެން ގޮސްފައިވާއިރު ރައީސް ސޯލިހުގެ ފެކްޝަންގައި ތިބި މަޖިލިސް މެމްބަރުން ގިނަ ކަން ފާހަގަ ކޮށްލެވެ އެވެ.