ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކަށް މިމަހުގެ 17 ފަހުން ވަދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު "ރާއްޖޭ ޓީވީ"ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު ހިޔާ ފްލެޓަށް ކަރަންޓް ދިނުމުގެ މަސައްކަތް ނިމުމުން ފްލެޓަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ފިނިޝިންގެ މަސައްކަތަށް ހޭދަވާ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކުލި ދައްކާކަށް ނުޖެހޭނެ ކަމަށާއި ކުލި ނުދައްކާ މުއްދަތު ގުނަން ފަށާނީ އަންނަ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް ސުހައިލް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ބައެއް ފަރާތްތަކުން ފްލެޓްގެ އިމާރާތުގެ ސްޓްރަކްޗަރަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ކަމަށާއި އެކަމުގައި ގޮތެއް ނިންމުމުގެ ކުރިން އެކަން ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާ މެދުގައި އެޗްޑީސީއިން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދޭން އެޗްޑީސީން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ.