އިތުރު 125 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 30 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 66 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 29 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މި ނަތީޖާ އައީ 5،048 ސާމްޕަލް ޓެސްޓްކޮށްގެނެވެ. މާލެއިން ޓެސްޓްކުރީ 2،380 ސާމްޕަލެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 78،815 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،090 ގައި މިހާރު ހުރިއިރު 76،491 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 22 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހަކު ވަނީ މަރުވެފަ އެވެ.

މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.

ފަހަކަށް އައިސް އަނެއްކާވެސް ގިނަ ރަށްތަކުން ކޮވިޑް ފެނި، މޮނިޓަރިންގެ ހާލަތަށް އަންނަނީ ގެންނަމުންނެވެ.