ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ދަތުރުފުޅެއް ކުރެވުމަށް ނިންމަވައިފި. މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަތް ރަށަކަށް އެ މަނިކުފާނު ޒިޔާރަތްކުރައްވަން ހަމަޖެހިފައިވޭ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވީ ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަތް ރަށަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ތ. އަތޮޅުގެ ތިމަރަފުއްޓާއި އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިއީ ކޮވިޑްގެ ޙާލަތު ރަނގަޅުވާން ފެށިފަހުން ރައީސް ސާލިހު އަތޮޅު ތެރެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ހދ. ގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވާފަ އެވެ.

ރާއްޖޭގެ އަތޮޅުތަކަށް ރައީސް ސޯލިހު ދަތުރުކުރައްވަމުން ގެންދަވާއިރު އެ މަނިކުފާނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުން އުފެދި މައްސަލަވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެ މަނިކުފާނަށް އެބައޮތް ކަމަށާއި އެކަން ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ.