ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިމަރަފުށީ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރޭ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލު ކުރެއްވުން އޮތީ ތިމަރަފުށީ ކައުންސިލް އިދާރާގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާޅުވީ، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމާއި ސިއްހީ ހިދުމަތް ހަރުދަނާކުރުމާއި ފަތުރުވެރިކަމުގެ މަޝްރޫއުތަކާއި މަގުހެދުމުގެ މަޝްރޫއާއި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ އިތުރުން ރަށުގެ އިގުތިސޯދީ ތަރައްގީއާ ގުޅޭގޮތުން ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ހުށަހެޅި ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާފަ އެވެ. އަދި ތިމަރަފުށީގެ ތަރައްގީގެ މަޝްރޫއުތައް ރޭވިފައިވާ ގޮތާއި، މިހާރު ކުރެވޭނެ ކަންކަމާއި، މެދުރާސްތާ އަދި ދުރު ރާސްތާގައި ކުރެވޭ ކަންކަމާ ގުޅޭގޮތުން ރައީސް ވަނީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ރައީސް ވަނީ ތިމަރަފުށީ ކައުންސިލްގެ އިތުރުން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް ސޯލިހު ތިމަރަފުއްޓަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ޝަރަފުގައި ފަރިއްކޮޅެއްދެއްވާފަ އެވެ.

ރައީސް ކޮޅުމަޑުލަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަންނަވާނެ އެވެ. ތިމަރަފުށީގެ އިތުރުން ރައީސް ވަޑައިގަންވާނީ ކިނބިދޫ، ވޭމަންޑޫ، އޮމަދޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށެވެ