ދިވެހި ސަރުކާރުން ނަގާފައިވާ ދަރަނި އަދާ ނުކުރެވޭނެ ފަދަ ހާލަތެއް އަދި ކުރިމަތި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ރާއްޖޭގެ ރޭޓީން ބީ1 އިން ސީއޭއޭ1 އަށް ދަށްކޮށްފައިވާތީ ނެރުނު ބަޔާނެއްގައި ވަނީ އެއްވެސް ލޯނެއް ޑީފޯލްޓް ނުވާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މޫޑީސްއިން ރާއްޖޭގެ އިގުތިސޯދަށް އައިސްފައިވާ ކުރިއެރުމާއި ފާއިތުވި މަސްތަކުގެ ތެރޭގައި ދަރަނީގެ ހާލަތަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

ކޮވިޑުގެ އެންމެ ގޯސް ހާލަތުގައި ޖީޑީޕީގެ ނިސްބަތުން ދަރަނި 100 ޕަސެންޓުން މައްޗަށް އުފުލުނަސް، އިގުތިސޯދީ ހާލަތު ރަނގަޅު ވާންފެށުމުން އެ އަދަދު ތިރިކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގައުމުގެ އިގްތިސޯދީ ހާލަތު އޮތްގޮތަށް ބަލާއިރު، އެއްވެސް ލޯނެއް ޑީފޯލްޓް ނުވެ، ގަވާއިދުން ފައިސާ އަދާކުރުމުގެ ގާބިލިއްޔަތު ސަރުކާރުގެ އެބަހުރި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.