ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ތ. ވޭމަންޑޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައިފި އެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކޮށްލައްވާ ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ. މި ސެންޓަރުގައި މިވަގުތު 16 އަހަރާއި 17 އަހަރާ ދެމެދުގެ ހަ ކުދިން ތިބެ އެވެ. މި ސެންޓަރަކީ މުޖުތަމައުގައި ނާޒުކު ހާލަތުގައި ތިބި މީހުންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑަ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.

ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސް ދެން ވަޑައިގަތީ ވޭމަންޑޫ ސްކޫލަށެވެ. އެމަނިކުފާނު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ސްކޫލް ކުދިންނާއި ސްކޫލްގެ އިސްވެރިންނާ ޓީޗަރުންނާ ވަނީ ބައްދަލުކުރައްވާ ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ.

ވޭމަންޑޫ ސްކޫލަކީ 355 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާ ސްކޫލެކެވެ. ގްރޭޑް 1-12 އަށް ކިޔަވާދެމުންދާ މި ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ތަރައްގީކުރަމުންދާއިރު، ތައުލީމީ ދާއިރާ ކުރިއެރުވުމަކީ މިސަރުކާރުން އެންމެ އިސްކަންދޭ އެއް ރިޔާސީ ވައުދެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.