ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ވަނީ ކާމިޔާބުކަމާއެކު ބޮލީވުޑްގައި އޭނާގެ ނަން ވަނީ ވިދުވާލާފަ އެވެ.

އިންޑިޔާގެ މުނިފޫހިފިލުވުމާ ގުޅޭ ހަބަރުތައް ގެނެސްދޭ މީޑިއާއަކުން ދާދި ފަހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސާރާގެ ކޮއްކޮ އިބްރާހިމް އަލީ ޚާން ވެސް މިހާރު އަންނަނީ ބޮލީވުޑްގައި މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ.

ހަބަރުތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އިބްރާހީމް އަލީ ޚާން ވަނީ ކަރަން ޖޯހަރްއާއެކު އޭނާގެ ކުރިޔަށް އަންނަން އޮތް ފިލްމެއް ކަމަށްވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި އެސިސްޓެންޓް ޑައިރެކްޓަރެއް ގޮތުގައި މަސައްކަތް ކުރުމަށް ނިންމާފަ އެވެ.

ސައިފް އަލީ ހާންގެ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން. އަދި ރޮކީ އޮރް ރާނީ ޕްރޭމް ކަހާނީގެ ދެ ތަރިން ކަމަށްވާ ރަންވީރު ސިންހް އާއި އާލިއާ ބަޓް

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ އިތުރުން ވެސް އިބްރާހީމްގެ ފިލްމީ ދާއިރާގެ އިތުރު މަސައްކަތްތައް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ޒޯޔާ އަކްތަރް ހަދަން ނިންމާފައިވާ ވެބް ސީރީޒް "އާޗީ ކޮމިކް" ގެ އިންޑިއާ ވާޝަން ގައި މަސައްކަތްކުރުމަށް އިބްރާހީމްއަށް ވަނީ ފުރުސަތު ލިބިފަ އެވެ.

ޒޯޔާ އަކްތަރްގެ މި ވެބް ސީރީޒްގައި ބޮލީވުޑްގެ މަޝްހޫރު އެހެނިހެން ފަންނާނުންގެ ދަރިން ވެސް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެ އެވެ. މީގެ ތެރޭގައި ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން އާއި ސްރީދޭވީ އަދި ބޮނީ ކަޕޫރުގެ ދަރިފުޅު ކުޝީ ކަޕޫރު ހިމެނެ އެވެ.