ދައުލަތުގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ މައްސަލައިގައި އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެދުނު 9:00 އަށެވެ.

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހު ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި ދެ ދައުވާ ސާބިތު ކުރަން 86 ހެއްކެއް ވަނީ ހުށަޅާފައިވާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް ވަނީ ޝަފައީ ހެކިންނާއި ކިތާބީ ހެކިން ގޮތުގައި ޖުމްލަ 30 ހެއްކެއް ހުށަހަޅާފަ އެވެ.

އެ ދުވަހު މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތައް ވެސް ވަނީ 10 ދުވަހުގެ މުއްދަތު ދީފަ އެވެ. އެހެންކަމުން މާދަމާގެ އަޑުއެހުމުގައި އޮންނާނީ އެ ހުށަހެޅުންތަކާއި ގުޅޭގޮތުން ވާހަކަދައްކައި ގޮތެއް ނިންމުން ކަމަށް ބެލެވެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ދެވަނަ މައްސަލަ އެވެ. މިހާރު ވެސް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެފައިސާ އަދި އެމަނިކުފާނު ދައުލަތަށް ދައްކަވާފައެއް ނުވެ އެވެ.

މިމައްސަލައިގެ އިސްތިއުނާފުގެ މައްސަލާގައި ހައިކޯޓުންވެސް ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދުކޮށްފަ އެވެ. މިހާރު މި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފަ އެވެ.