މިއަދުވެސް އިތުރު 95 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 26 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 56 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 79،959 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 1،648 ގައި މިހާރު ހުރިއިރު 78،076 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 16 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 223 މީހަކު ވަނީ މަރުވެފަ އެވެ.

މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.

ފަހަކަށް އައިސް އަތޮޅުތަކުގެ ގިނަ ރަށްތަކުން ކޮވިޑްގެ ކޭސްތައް ފެނި އަންނަނީ މޮނިޓަރިންގެ ހާލަތަށް ގެންނަމުންނެވެ.