ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެ ކޮމިޓީގެ މެމްބަރަކު ވިދާޅުވީ ޝަމީމް އެ ކޮމިޓީއަށް ހާޒިރުކުރަނީ އަންނަ ބުދަ ދުވަހު ކަމަށެވެ.

ޝަމީމް އެ ކޮމިޓީއަށް ހާޒިރުކުރަނީ ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ. އާއިލާގެ ފަރާތުން ވަނީ އެކަންކަން ބަޔާންކޮށް ޖުޑިޝަރީ ކޮމިޓީއަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގައި ސީދާ ޕީޖީ ޝަމީމް ވަކާލާތުކޮށްދިނުމަށް އާއިލާއިން އެދުނެވެ. ނަމަވެސް އެކަން ކޮށްދީފައެއްނުވެ އެވެ.

ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ އާއިލާއަށް އެފަދައިން ނޭދެވޭނެ ކަމަށެވެ.

ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް، އިސްމާއިލް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.