ވިޝާލް ބަރަދްވާޖް އަކީ އިންޑިޔާގެ ނަން މަޝްހޫރު ފިލްމު ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

އޭނާ ވަނީ ބޮކް އޮފީހުގައި މަޝްހޫރުކަން ހޯދާފައިވާ އެތައް ފިލްމެއްގެ މަސައްކަތްތައް ކޮށްފަ އެވެ. އެގޮތުން މިފަހަރު ވިޝާލް ބަރަދްވާޖް މިވަނީ އޭނާގެ ދަރިފުޅު އަސްމާން ބަރަދްވާޖްގެ ބެލުމުގެ ދަށުން ފިލްމެއް ނެރުމުގެ މަސައްކަތް ފަށައިފަ އެވެ.

ވިޝާލް ބަރަދްވާޖްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުގައި އޭނާގެ ދަރިފުޅުގެ އަލަތު ޑައިރެކްޝަން ފިލްމު ކަމަށްވާ "ކުއްތޭ"ގެ ޓީޒާ ދައްކާލާފަ އެވެ.

https://www.instagram.com/p/CS58K4-pHbE/?utm_medium=copy_link

މި ފިލްމަކީ ބޮޑު ކާސްޓެއް އެކުލެވިގެން އުފެއްދޭ ފިލްމެކެވެ. އެގޮތުން ފިލްމުގެ ކާސްޓުންގެ ތެރޭގައި، ނަސީރުއްދީން ޝާހް، ކޮންކޮނާ ސެން ޝަރްމާ، އަރްޖުން ކަޕޫރް، ތާބޫ، ރާދިކާ މަދަން ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.

ވިޝާލް ބަރަދްވާޖް އާއި އޭނާގެ ދަރިފުޅު އަސްމާން ބަރަދްވާޖް

އަސްމާން ވަނީ ނިއުޔޯކްގެ ސްކޫލް އޮފް ވިޝުއަލް އާޓްސް އިން ބެޗްލާސް ހަދާފަ އެވެ. އަދި އޭނާ ވަނީ ބައްޕަ ވިޝާލްގެ ފިލްމުތައް ކަމަށްވާ، "ސާތް ކޫން މާފް" ، "މަޓްރޫކީ ބިޖްލީ ކާ މަންޑޯލާ" އަދި "ޕަޓާކާ" ގައި ވިޝާލް އަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވިޝާލް ބަރަދްވާޖް ބުނިގޮތުގައި މި ފިލްމަކީ އޭނާއަށް ވަރަށް ވެސް ހާއްސަ ފިލްމަކަށް ވެގެންދާނެ އެވެ. ސަބަބަކީ އެއީ އޭނާގެ ދަރިފުޅާއެކު ހަދާ ފުރަތަމަ ކޮލާބްރޭޝަން ކަމަށް ވާތީ އެވެ.