ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހާ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް އެއްގޮތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ހައްލު ކުރުމަށް ރައީސް ސޯލިހާ ބައްދަލުކޮށް، ރައީސް ސޯލިހު ވިދާޅުވި ވާހަކަފުޅުތަކުގެ އަލީގައި، މިހާރު ރައީސް ނަޝީދާ ވެސް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އަދި ރައީސް ނަޝީދުގެ ހިޔާލު ހުރި ގޮތާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި އަލުން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދައިދޭން އެ ޕާޓީގެ ޗެއާޕާސަން ހަސަން ވަނީ އިސްނަންގަވައިގެން މަސައްކަތް ފަށާފަ އެވެ

ހަސަން ވިދާޅުވީ ރައީސް ސާލިހާއި ރައީސް ނަޝީދާ ދެބޭފުޅުންގެ ދެމެދު ހައްލު ނުކުރެވޭވަރުގެ މައްސަލަތަކެއް ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ވާހަކަދައްކައިގެން އެކަންކަން ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދާ ދެމެދު ފަހަކަށް އައިސް ކިޔާލު ތަފާތުވުންތައް އުފެދި އެކަންކަން ވަނީ ވަރަށް ބޮޑަށް އާއްމުންނާ ހަމައަށް ތިލަވެފަ އެވެ. އެގޮތުން ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާއިރު ރައީސް ސޯލިހު ވިދާޅު ވަނީ މިއީ ނިޒާމު ބަދަލުކުރަންވީ ވަގުތު ނޫންކަމަށާއި އެކަން ކުރަންވާނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށެވެ. އަދި މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް ދެވުނު ހަމަލާ އެންމެ ރަނގަޅަށް ތަހުގީގު ކުރުމަށް ރައީސް ސާލިހު އެއްބާރުލުން ނުދޭ ކަމަށް އަޑު ފެތުރިފައިވާއިރު ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން ރައީސް ސާލިހު ތ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައިވެސް "އެމްޑީޕީގެ އިސް ލީޑަރު" ގެ ގޮތުގައި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.