ފާއިތުވެދިޔަ ދެ އަހަރަކީ ކަޕޫރު އާއިލާއަށް އަދި ވަކިން ހާއްސަކޮށް ރަންދީރު ކަޕޫރަށް ވަރަށް ވެސް ބޮޑު ހިތާމަވެރިކަމާއި ކުރިމަތިލާން ޖެހުނު ދެ އަހަރެވެ. އެއްބަނޑުއެއްބަފާ ދެބެންގެ ކުއްލި ވަކިވުމާއި ގުޅިގެން ރަންދީރަށް ވަނީ ފޫ ނުބެއްދޭ ވަރުގެ ހިތާމަ ލިބިފަ އެވެ.

ރަންދީރުގެ ކޮއްކޮ ރިޝީ ކަޕޫރު މަރުވެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އަދި ރާޖީވް ކަޕޫރު މަރުވެފައި ވަނީ ހާޓްއެޓޭކް އެއް ޖެހިގެން މި އަހަރުގެ ފެބުރުއަރީ މަހު އެވެ.

ދާދި ފަހުން އިންޑިޔާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރަންދީރު ކަޕޫރު ވަނީ ގެއްލިގެން އެ ދިޔައީ އޭނާގެ ދެ އަތް ކަމަަށް ބުނެފަ އެވެ. އެއްބަނޑުއެއްބަފާ މި ތިން ބެއިންނަކީ ވަރަށް ގާތް ރަހްމަތްތެރިން ކަމަށް ވެސް ރަންދީރު ވަނީ ބުނެފަ އެވެ.

ރަންދީރު އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރިޝީ ކަޕޫރަށް ކެންސަރު ޖެހުމަށްފަހު އޭނާ އަބަދުވެސް ހުރީ ދެން ވެދާނެ ގޮތަކާމެދު ވިސްނައި ފިކުރު ބޮޑުވެފައި ކަމަށެވެ. ކޮންމެ ވަގުތަކު ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށް އޭނާ ހުރީ ތައްޔާރުވެގެންނެވެ. ނަމަވެސް މިހާ އަވަހަށް ރާޖީވް އޭނާ އާއި ވަކިވެގެން ގޮސްދާނެ ކަމަށް އެއްވެސް ވަރަކަށް އޭނާގެ ވިސްނުމުގައި ނެތްކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރާޖީވްގެ ވާހަކަ އިތުރަށް ދައްކަމުން ރަންދީރު ވަނީ އެ އާއިލާގެ އެހެން މެމްބަރުން ހާ ރާޖީވްއަށް މަޝްހޫރު ކަމެއް ލިބިފައި ނުވާތީ އެކަމާ ހިތާމަކުރާ ކަމަށް ބުނެފަ އެވެ.