ށ. ކީކިމިނިން މަސް ގަތުމަށް ވާންޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް މަސްވެރިކަމުގެ ސީޒަންގައި މަސް ގަންނަން ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ އައިލެންޑް އެންޓަޕްރައިސަސް އިން ވަނީ ކީކިމިނީގައި މަސް ގަތުމުގެ ހިދުމަތް ދިނުމަށް އެރަށް ތަރައްގީކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގައި އެ މަސައްކަތްކުރާ އަމިއްލަ ކުންފުނިތަކާ ވެސް މަޝްވަރާކޮށް، ދަތިތައް ދަނެގަނެ ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ކީކިމިނީގެ އޮޕަރޭޝަންތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"މިނިސްޓަރު ވެސް ވަރަށް ފަހުން ވަނީ ކީކިމިންޏަށް ވަޑައިގެން، ބައްލަވާފައި. އެތަނުގައި އަދިވެސް ނުފެށޭ. އެހެން ނަމަވެސް އެބޭފުޅުން ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތީ، ކުރިއަށް އޮތް ސީސަން ތެރޭގައި އެބޭފުޅުން ވެސް ގަންނަން ފަށާނެ ކަމަށް ލަފާކުރެވެނީ. އެއީ މަސްގަތުމަށް ވަރަށް ބޮޑަށް އެތަން ތައްޔާރުވެފައި އޮތީމަ،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އައިލެންޑް އެންޓަޕްރައިސަސަށް ކީކިމިނި ހަވާލުކޮށްފައި އޮންނަތާ މިހާރު 18 އަހަރު ވަނީ އެވެ.
އެ ރަށުގައި ތަރައްޤީކޮށްފައިވާ "ކީކިމިނީ ފިޝަރީޒް ކޮމްޕްލެކްސް"އަށް މަސް ނުކިރުމަކީ މަސްވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އުތުރުގެ މަސްވެރިކަން ރަނގަޅުވެ، މަސް ކިރުވުމުގައި ދަތިތަކެއް ދިމާވުމުން ކީކިމިނީގެ އޮޕަރޭޝަން ފެށުމަށް އުތުރުގެ މަސްވެރިން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.