ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމްޑީޕީން ކޯޓުތަަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ އަސާސްތައް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މައި އެއް ތަނބަކީ އިންސާފުވެރި ފަނޑިޔާރު ގެއެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށާއި، ފަނޑިޔާރު ގެތަކުން އަދުލު އިންސާފު ލިބޭނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިއްބައިދިނުން ކަމަށެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމަނިކުފާނުގެ ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ޢަމަލެއް ހިންގަވާފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

".4 ސެޕްޓެމްބަރ 2021 ދުވަހު، ކުރީގެ ބައެއް ފަނޑިޔާރުންނާއި އަދި ބައެއް ގާނޫނީ ވަކީލުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދައްކާފައިހުރި ވާހަކަތަކަކީ މިޕާޓީން ނުހަނު ކަންބޮޑުވާ ވާހަކަތަކެއްކަމުގައި ދަންނަވަމެވެ. ކުރީގެ ރައީސް، ރައީސް ޔާމީންގެ ޝަރީއަތުގެ ކަންކަން ހިނގައި ދިޔަގޮތް ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން ސާފުވެ އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ދެއްކި ވާހަކަތައް ރައްދުވި އެއިރުގެ އެހެން ފަނޑިޔާރުން ވަނީ އެވާހަކަތައް މީޑިޔާގައި ދޮގުކޮށްފަ އެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ އެ ވާހަކަތައް ރައްދުވި މިހާރު ފަނޑިޔާރުކަމުގެ މަގާމުގައި ތިއްބެވި ފަނޑިޔާރުން ވެސް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައި ކަމަށެވެ. އަދި އެ ޕްރެސް ކޮންފަރެންސްގައި ވާހަކަދެއްކެވި ބައެއް ފަނޑިޔާރުންނަކީ އެބޭފުޅުންގެ ސުލޫކީ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސާބިތުވެ ފަނޑިޔާރުކަމުން ވަކިކުރުމަށް އެކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ފޮނުވުމުން މަގާމުން އިސްތިއުފާ ދެއްވާފައި ތިއްބެވި ބޭފުޅުން ކަމަށެވެ.

"މިޕާޓީން ދެކޭ ގޮތުގައި އިސްވެ ދެންނެވި ޕްރެސް ކޮންފަރެންސްގެ ހަމައެކަނި މަގުޞަދަކީ ރައީސް ޔާމީންގެ ޝަރީއަތަކީ އިތުބާރު ހިފޭ ގޮތަށް ހިންގާފައިވާ ޝަރީޢަތެއް ނޫންކަން ރައްޔިތުންނަށް ދެއްކުމަށް މަސައްކަތްކުރުން. އަދި މަތީ މަރުހަލާގެ ކޯޓުތަކަށް ކަމުގެ ހަގީގަތް އޮޅުވާލައި އެކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުމެވެ." އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ އިސް ފަރާތަކާއި ފަނޑިޔާރުންތަކަކާ ދެމެދު ދެކެވިފައިހުރި ވާހަކަތަކެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އޯޑިއޯތަކެއްގެ މައްސަލައިގައި ހިމެނޭ ކަމަށް ޝައްކު ކުރެވޭ ފަނޑިޔާރުންގެ މައްސަލައިގެ ތަޙްޤީޤު ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރަމުންދާ ކަމަށާއި އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއްގެ ފޮރެންސިކް ތަހުގީގު ހިންގުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުށަހަޅާފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮޑްފައިވެ އެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ ޖިނާއީ ތަހްގީގު އިތުބާރު ހިފޭނޭ ގޮތަށް އަދި ހަލުވިކަމާއެކު މޯލްޑިވްސް ޕޮލިސް ސާވިސްއިން ހިންގައި ނިންމުމަށް އެދޭ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ. ޝަރީއަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން ހިންގާ ދަށުދަރަޖައިގެ އެ ޢަމަލުތަކަކީ އެ ޕާޓީން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އަބަދުމެ ދެކޭނޭ މައްސަލަތަކެއް ކަމަށާއި އަދި އެފަދަ އަމަލުތަކަކީ އެޕާޓީ ޓޮލަރޭޓް ކުރާނޭ އަމަލުތަކެއް ނޫން ކަމަށް ވެސް ބުުނެފައިވެ އެވެ.

އެމްޑީޕީން މިގޮތަށް ބަޔާން ނެރެފައިވާއިރު ރައީސުލްޖުމްހޫރިއްޔާއާއި ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަން ދޭހަފަވާފަދަ، ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރެއްގެ އޯޑިއޯވަނީ ލީކުވެފަ އެވެ. އަދި އޭސީސީގެ ކުރީގެ ރައިސް މުއައްވިޒު ރަޝީދުގެ އޯޑިއޯ ވެސް ވަނީ ލީކުވެފަ އެވެ.