ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ސެޓީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދުރާ ބަރަހަނާ ފިލްމު އުފެއްދުމާއި އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ފަހުން ޝިލްޕާގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެކަމުން އަރައިގަތުމަށް ޝިލްޕާއަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.
ޝިލްޕާގެ ފިރިމީހާ ރާޖް ހައްޔަރުކުރިއިރު ޝިލްޕާ ބޮޑު ސްކްރީނަށް އެބުރި އައި ފިލްމް “ހަންގާމާ 2” ރިލީޒްކުރި ދުވަސްކޮޅާ ދިމާވުމުގެ ސަބަބުން ފިލްމަށް ފުރިހަމަ ތަރުހީބެއް ލިބިފައެއް ނުވެ އެވެ.
މީގެ އިތުރުން ޝިލްޕާ ޖަޖުކަން ކުރަމުން ގެންދިޔަ "ސުޕަ ޑާންސާ" ޝޯއިން ވެސް ދުވަސް ކޮޅަށް ވަނީ ގެއްލިފަ އެވެ. އަދި ބޮލީވުޑުން އޭނާ އެކަހެރިކުރާކަމުގެ ތުހުމަތުތަކެއް ވެސް މީޑިއާގައި ވަނީ ފެންމަތިވެފަ އެވެ.
މި ކަންތައްގަނޑުން މަޑުމަޑުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ޝިލްޕާ ވަނީ އޭނާ އާއި ރާޖްއާ ވަކިވާން ނިންމާފައިވާ ކަމަށް މީޑިއާގައި ބުނެފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އައިރުވެސް ރާޖް ކައިރިން ވަރިވާ ބޭނުންވާ ކަމަށް ޝިލްޕާ ބުނެފައެއް ނުވެ އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ޝިލްޕާ މިހާރު ދިރިއުޅުން ރާޖް އާއި ނުލައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު ރާޖް ގެއިން ވެސް ޝިލްޕާ ވަނީ ނިކުމެގެން ގޮސްފަ އެވެ. އަދި ރާޖްގެ މުދަލުން އެއްވެސް އެއްޗެއް ޝިލްޕާ ބޭނުންނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޝިލްޕާ މިހެން ބުނެފައިވާއިރު ރާޖްގެ ގިނަ އެކައުންޓުތަކެއް ވަނީ ފްރީޒް ކޮށްފަ އެވެ.
ބޮލީވުޑް ހަންގާމާއިން ބުނިގޮތުގައި މިހާރު ޝިލްޕާ ބޭނުން ވަނީ އޭނާ އަމިއްލައަށް ހޯދާ ފައިސާއިން ދިރިއުޅޭށެވެ.
ޝިލްޕާއަކީ ޓިވީ ޝޯތަކުންނާއި ބްރޭންޑްތައް އެންޑޯޒްކޮށްގެން ބޮޑު އާމްދަނީއެއް ލިބޭ ތަރިއެކެވެ. މީގެ އިތުރުން އޭނާއަކީ ބައެއް ވިޔަފާރިތައް ވެސް ހިންގާ މީހެކެވެ. މިހާރު އަލުން ފިލްމް ކުޅެން ފެށުމާއެކު ވެސް އޭނާގެ އާމްދަނީ އިތުރު ވެގެންދާނެ އެވެ.
ޝިލްޕާގެ ކުރިއަށް އޮތް ފިލްމަކީ "ނިކަންމާ" އެވެ.