މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފާހަގަ ކުރެވިފައިވާ ތަންތަން ހުއްޓުވަން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

މިއަދުން ފެށިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންނާ ބެހޭ ގޮތުން ފުލުހުން ބުނީ އެފަދަ ތަންތަނުގައި ފުލުހުން 24 ގަޑިއިރު ފޯރިމަރަމުންދާނެ ކަމަށެވެ. އަދި އެފަދަ ތަންތަނަށް މީހުން ވަނަ ނުދީ ހުއްޓުވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން އެފަދަ 25 ތަނެއްގެ ވެރިފަރާތަށް މިހާރު ގާނޫނީ އިންޒާރު ދެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން އެފަދަ 8 މައްސަލައެއް މިހާރު ވަނީ ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ އިތުރަށް ހަތަރު މައްސަލަ އެއް ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން ދާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ވަނީ އެފަދަ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ދައުވާ ކުރިކަން ވެސް މިދިޔަ ހަފްތާގައި އިއުލާންކޮށްފަ އެވެ.