މި ސަރުކާރުގެ އަމާޒަކީ، އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ހައްގު މަގާމު އަންހެނުންނަށް ހޯދައިދިނުންކަމަށާއި، ސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި އަންހެނުންނަށް ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، ދިވެހި އަންހެނުން ބާރުވެރިކުރުމުގައި އެހީތެރިވެދޭން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2020 - 2021 ވަނަ އަހަރުގެ ރެހެނދި އެވޯޑު ދިނުމަށްޓަކައި ރޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި އިތުރަށް ރައީސް ސޯލިހު ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރާ މަސައްކަތުގައި ދިވެހި އެންމެހާ ކަނބަލުން އެއްބާރުލުންދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި މިހާރު ސަރުކާރުން އަންހެނުންނަށް ފަހިކޮށްދެއްވާފައިވާ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފަ އެވެ.

ދިވެހި ދައުލަތުގެ ފަރާތުން ރެހެންދި އެވޯޑްގެ ނަމުގައި އެވޯޑެއް ދިނުމުގެ މަގުސަދާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންހެނުން ކުރާ މަސައްކަތްތަކާއި ހާސިލްލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ. ހަމަ އެއާއެކު މިންތީގެ ތަފާތުތައް ނައްތާލައި ދެ ޖިންސުގެ ދެމެދުގައި ހަމަހަމަކަން ގާއިމު ކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ގައުމީ ފެންވަރެއްގައި އަގު ވަޒަން ކުރުމަކީ ވެސް، ރެހެންދި އެވޯޑް ދިނުމުގެ ވަރަށް ބޮޑު ބޭނުމެއް ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

2020 - 2021 ވަނަ އަހަރުގެ ރެހެނދި އެވޯޑު ދިނުމަށްޓަކައި ރޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ އެންމެ މުހިންމު ކަމަކަށް ފާހަގަކުރައްވާފައި ވަނީ ސަރުކާރުގެ މަސައްކަތުން ޤާނޫނީ ގޮތުން ގެނަސްފައިވާ ބަދަލުތަކެވެ. އޭގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުގެ ސަބަބުން އަންހެނުންނަށް ލިބިގެންދިޔަ ފުރުޞަތުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. ހަމަ އެއާއެކު މި އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދިގެންދިޔަ އަންހެންގެ ކޮމިޓީތަކުގެ ސަބަބުން ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި ކަންކަން ނިންމުމުގައި، އަންހެނުންގެ ބައިވެރިވުން ޢަމަލީ ގޮތުން އިތުރުވެގެން ގޮސްފައިވާކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގައުމު ބިނާކުރުމުގައި މިހާރު ވެސް އެންމެ މުހިންމު ދައުރެއް އަދާކުރައްވަނީ އަންހެނުންކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާ ގާތްގަނޑަކަށް 78 އިންސައްތަ އަންހެނުންކަމުގައި ވިދާޅުވި އެވެ.

2020 - 2021 ވަނަ އަހަރުގެ ރެހެނދި އެވޯޑު ދިނުމަށްޓަކައި ރޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަދިވެސް ކަންކަން ނިންމާ ފެންވަރުގައި ގޮތް ކިޔައި ބަސްބުނުމުގައި އަންހެނުންނަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. އަދި އެގޮންޖެހުންތައް ކުރިމަތިވަނީ މުޖްތަމަޢުގައި އަންހެނުންނާއި ފިރިހެނުން އަދާކުރަންޖެހޭ ޒިންމާތަކާ މެދު، ޒަމާނުއްސުރެ މުޖުތަމަޢުގައި ހުރި ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. އެހެންކަމުން އެކަމަށް ޙައްލުހޯއްދެވުމަަށް ކުރައްވާ މަސައްކަތްތަކުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލިބިދޭ އިތުރު ފުރުޞަތުތަކުގެ އެހީގައި، އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ވަރަކަށް، މުޖުތަމަޢުގެ ވިސްނުން ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ހާލަތުގައި އަންހެނުން ކުރެއްވި އަގުހުރި ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ރޭ ރެހެންދި އެވޯޑް ޙާޞިލް ކުރެއްވި ބޭފުޅުންނަށާއި، ލ. އަތޮޅު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް، އިޚްލާޞްތެރިކަމާއެކު ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފަ އެވެ.