ސައޫދީ އަރަބިއާގެ އާކިއޮލޮޖިސްޓުން ކުރި ދިރާސާއެއްގައި އެފްރިކާއިން އަރަބިއާއަށް ހިޖުރަކޮށް އާބާދުވި ހަޟާރާތެއް ނުވަތަ "ސިވިލެއިޒޭޝަން"އެއްގެ ނިޝާންތަކެއް ހޯދައިފި އެވެ.

އެ ގައުމުގެ ހުޅަނގު އުތުރުން ސައިންސްވެރިން ހޯދި ހޯދުންތަކުގެ ތެރޭގައި ދަގަނޑުގެ އާލާތްތަކާއި ރައްކާކޮށްފައިވާ ޖަނަވާރު ކަށިތައް ހިމެނެ އެވެ.

ސައޫދީގެ ހެރިޓޭޖް ކޮމިޝަނުން ބުނޭ މި ހަޟާރާތަކީ މީގެ އެތައް ހާސް އަހަރެއް ކުރީގެ ހަޟާރާތެއް ކަމަށާއި އެއީ ސައޫދީ އަރަބިއާގައި މީހުން އާބާދުވިކަން އެނގެން އޮތް އެންމެ ކުރި ކަމަށެވެ.

މި ހޯދުންތަކަކީ އެ ގައުމުގެ ތާރީހް ދިރާސާކުރުމަށް ހެރިޓޭޖް ކޮމިޝަނާއި އާކިއޮލޮޖިސްޓުންގެ ޓީމަކުން ކުރި މަސައްކަތުން ހޯދުނު ހޯދުން ތަކެކެވެ.

މީގެ އިތުރުން ވެސް ޚަލް އުމައިޝާން ނަމަކަށް ކިޔުނު ސަރަހައްދުން މީގެ 400،000 އަހަރު ކުރިން ބޭނުން ކުރެވުނު ކަމަށް ބެލެވޭ އާލާތްތައް ފެނިފައިވާއިރު މި ހޯދުންތަކުން އެ ސަރަހައްދުގައި އާބާދުވެ ދިރިއުޅުނު އންސާނުންގެ ސިފަތައް ވަނީ ދެނެގަނެވިފަ އެވެ.

ބިމުއަޑީގައި ފަސްލެވިފައިވާ މި ހޯދުންތަކުގެ އެންމެ ތިރި ފަށަލައިން ފެނުނު ތަކެއްޗަކީ 400،000 އަހަރުގެ ކުރީގެ ތަކެއްޗަށް ވީއިރު އޭގެ މަތީ ފަށަލަ ތަކުގައި ހުރީ 125،000 އަހަރާއި 75،000 އަހަރާ ދެމެދުގެ ތަކެތި ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.