ރިޔާދު (13 ސެޕްޓެމްބަރު)- ހުއްދަނެތި އުމްރާއަށް ދާ މީހުން 2،666 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް ސައޫދީ އަރަބިޔާގެ ނެޝަނަލް ސެކިއުރިޓީ ޓީމުން އިއުލާންކޮށްފި އެވެ.
މި އިއުލާނުގައި ހުއްދަނެތި ދެ ހަރަމުގެ ގޯތި ތެރެއަށް ވަންނަށް މަސައްކަތް ކުރާ ފަރާތްތައް 266 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އަންގާފައިވެ އެވެ.
ސައޫދީ އަރަބިޔާގެ އިދާރާތަކުން ބުނިގޮތުގައި މި ފިޔަވަޅުތަކަކީ އެ ގައުމުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގެ ބޭނުމުގައި އެޅިފައިވާ ފިޔަވަޅެއް ކަމަށެވެ.
މި ބަދަލުތަކާއެކު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސައޫދީ އަރަބިޔާގެ އިދާރާތަކަށް ހުށަހެޅޭނެ އެވެ. މިކަމަށް ތަވައްކަލްނާ މޮބައިލް އެޕްލިކޭޝަން ވެސް ބޭނުން ކުރެވިދާނެ އެވެ.
ސައޫދީ އަރަބިޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން މި ދިޔަ ބުދަ ދުވަހު އުމްރާގެ ކޯޓާ 70،000 އިތުރުކޮށްފައިވާއިރު އެހެން ގައުމުތަކުން ވެސް އުމްރާ އަށް މީހުން ބަލައިގަންނަށް ފަށާނެ ކަމަށް އިއުލާނު ކޮށްފައިވެ އެވެ.
މިއާއެކު ހައްޖު އަދި އުމްރާގެ ކޯޓާ މަދުމަދުން އިތުރުކޮށް މަހަކު ދެ މިލިއަން މީހުންނަށް އުމްރާގެ ފުރުސަތު ދޭން މަސައްކަތް ކުރާނެ ކަމަށް އެ ގައުމުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ. – އަލް އަރަބިއްޔާ