ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ދެ އަހަރުގެ ތެރޭގައި ގާއިމުކުރުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި ޑިޖިޓަލް އައިޑެންޓިޓީ ތަޢާރުފްކުރުމުން، ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ވަށައިގެން މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލްވަމުން ކަމަށެވެ. އަދި ދިރިއުޅުމުގެ އަސާސީ ހުރިހާ ޚިދުމަތެއްހެން މިހާރު އެ އަންނަނީ، ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފައިސާގެ މުއާމަލާތްތަކާއި، ގައުމުތަކަށް އެތެރެވެ ބޭރުވުމާއި، ދަރިންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ޚިދުމަތްތައްވެސް އެ އަންނަނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަކަމާއެކު ގުޅެމުން. އެހެންކަމުން، އަޅުގަނޑުމެން ވެސް މިވަނީ ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރަން ޖެހިފައި. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ދެންމެ މިނިސްޓަރު އެ ވިދާޅުވިފަދައިން، ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. ޑިޖިޓަލް އައިޑެންޓިޓީ ތައާރުފްކުރުމުން، ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތް ތައަރަފްވެގެން އަންނައިރު، ގާނޫނީ ގޮތުން ވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި އެކަމަށް ދުރާލައި ހައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލެއް މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

"ޑިޖިޓަލް ޚިދުމަތް ތައާރުފްކުރާއިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މަޢުލޫމާތުތައް. އަދި އިންޓަނެޓްގެ ޒަރީޢާއިން ހިންގާ އެކިއެކި ޖަރީމާތަކުން ރައްޔިތުން ޙިމާޔަތް ކޮށްދިނުމަކީ ވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ޒާތީ މައުލޫމާތު ޙިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު ފަރުމާ ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ އިންޓަނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެށްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބާ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޯވިޑް-19ގެ ދަތިކަމުގައި އަޅުގަނޑުމެން މި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ޑިޖިޓަލްކޮށް ޚިދުމަތް ފޯރުކޮށްދިނުމާއި ޚިދުމަތް ލިބިގަތުމުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގި ކަށަވަރުވެއްޖެ. ފުރަބަންދުގައި ތިބެގެން ކިޔަވައިދިނީ ޑިޖިޓަލް ކްލާސްރޫމްތަކެއްގައި. ވިޔަފާރިއާއި އިގްތިސާދީ ކިތަންމެ މުޢާމަލާތެއް ހިންގީ ޑިޖިޓަލް ވަސީލަތްތަކުން. ސަރުކާރުގެ ވަރަށް ގިނަ ޚިދުމަތްތައް ދެމުން އައީ އޮންލައިންކޮށް،" ރައީސް ވިދާޅުވި އެވެ. "މީގެ އިތުރުން އިގްތިސާދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށްޓަކައި، ޑިޖިޓަލް އިގްތިސާދަކާ ދިމާއަށް ގައުމު ގެންދިޔުމަކީ ވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. އެކަމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މިހާރު މި އަންނަނީ އަޅުގަނޑުމެން ކުރަމުން."

ރައީސް ވިދާޅުވި ޚިދުމަތްތައް ޑިޖިޓަލްވެގެން އަންނައިރު، ސަރުކާރުގެ އޮފީސްތަކަށް، ޢާންމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރުވެ، ސަރުކާރުގެ ޚިދުމަތްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަރަށް ބޮޑަށް ތަނަވަސް ވެގެންދާނެ ކަމަށެވެ. އަދި މިއީ، ރައްޔިތުންނަށް ޚިދުމަތް ދެއްވަން ތިއްބެވި، ސަރުކާރުގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުން ގުޅިގެންދާއިރު، އެ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި، ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން. އެކަން ކުރެވޭނީ، އާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަންނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ގާއިމުކުރެވިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ ޢާންމު މިންގަނޑުތަކާއި، ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސާވިސް ޗާޓަރުތައް އާންމުކުރެވޭނެ ކަމަށެވެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމްތައް އޮފީސްތަކުގައި ގާއިމުކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މީގެ އިތުރުން، ސާވިސް ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ނުލިބޭނަމަ، ހަމަ މި ނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ. މި ނިޒާމު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، އެއް ވަގުތެއްގައި ބެލެން ހުންނާނެ،" އެ ނިޒާމާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.