ހުޅުމާލޭގައި ހުންނަ "ފިޔަވަތި"ގައި ތިބޭ ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުދިން ކަންކަންކުރާ ގޮތް ބެލުމަށް މީހުން އެއްވުމަކީ އެ ކުދިން އިތުރަށް ޓްރިގާވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

"ފިޔަވަތި"ގައި އިއްޔެއިން ފެށިގެން އެތަނުގައި އުޅޭ ބައެއް ކުދިން އެތަނުގެ ފުރާޅަށް އަރައި، އެއިމާރާތުގެ ބައެއް ކުޑަދޮރިތައް ހަލަކުކޮށްލާ، އެތަނުގައި އަލިފާނުގެ ހާދިސާއެއްވެސް ވަނީ ރޭ ހިނގާފަ އެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ޖެންޑާ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފިޔަވަތީގައި ހިނގާ ކަންކަމުގެ ހަގީގަތް ހޯދުމަށް އާންމުން ބޭނުންވާނެކަން އެ އިދާރާއިން ޤަބޫލުކުރާ ކަމަށެވެ. ނަމަވެސް އެތަނަށް އެއްވެ ކުދިންގެ ފޮޓޯއާއި ވީޑިޔޯ ނަގައި ކުދިން އުޅޭނޫޅޭ ގޮތް ބެލުމަކީ އެކުދިން އިތުރަށް ޓްރިގާވާނެ ކަމެއް ކަމަށެވެ.

އަދި އެ ސާވިސްއިން އެދިފައި ވަނީ އެ ސާވިސްގެ ވާޖިބު އަދާކުރުމަށާއި އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކުން އެހީތެރިވުމަށާއި ކެތްތެރިކަން އިސްކުރުމަށެވެ.

ފިޔަވަތި ރޭ ހިނގައިދިޔަ ހާދިސާއާއި ގުޅިގެން ސަރަހައްދަށް މީހުން ޖަމާވެފައި

ފިޔަވަތީގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އެ ސާވިސްއިން ބުނެފައިވަނީ، އެ ތަނުގައި ތިބި ބައެއް ކުދިންގެ ކިބައިން ފެންނަ ކަންކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއާއި އެ ސާވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި މިހާރު ވެސް މިނިސްޓްރީއާއި އެ ސާވިސްގެ މުވައްޒަފުން، ފިޔަވަތީގައި ތިބި ކުދިންނާއި އެތަނުގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ފިޔަވަތި ދިރިއުޅޭ ކުދިންތަކެއް ފުރާޅު މައްޗަށް އަރައިގެން.. ފޮޓޯ: އަވަސް

އެ ސާވިސްއިން އިތުރަށް ޔަޤީންކޮށްދިން ގޮތުގައި ރޭ ހިނގި ހާދިސާގައި ޝާމިލުވި ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅެވެ.

އަނެއްކޮޅުން "ފިޔަވަތި" ގެ ހާލަތު މިވަރަށް ގޯސްވީ މީގެ ކުރީން އެ ތަނުން ކުދީން ރޯއަޑު އިވުނުތާ ދުވަސްކޮޅެއް ފަހުންނެވެ. އަނިޔާގެ ވޭނުގައި ކުދީން ރޯއަޑު އިވޭތީ އާންމުވެސް އެ ތަނަކަށް އެއްވެފައިވަނިކޮށެވެ. އެ ފަހަރުވެސް މޮޅު ވާހަކައެއް ދައްކާލައިގެން މައްސަލަ އޮއްބާލުން ފިޔަވައި މިނިސްޓްރީއިން އެއްވެސް ކަމެއް ނުކުރާކަން ފާހަގަ ކޮށްލެވެ އެވެ. މީގެ ކުރިން "ފިޔަވަތީ" އިން ފެނިގެން ނުދާ މަންޒަރުތަކެއް މިހާރު އެތަނުން ފެނިގެންދާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މިސަރުކާރުން މިކަހަލަ ކަންކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ވެސް ގިނަ ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.