މައްސަލަ ގޯސްވުމުން އެންމެ ފަހު ނައިބު ރައީސް ފައިސަލް ނަސީމް ހުޅުމާލޭގައި ހުންނަ "ފިޔަވަތި" އަށް ޒިޔާރަތް ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވަތީގައި ފާއިތުވި ތިން ދުވަސް މަތިން ހިނގާފައިވާ ހާދިސާއާއި ގުޅިގެން އެތަނަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ނައިބު ރައީސް އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޖެންޑާ މިނިސްޓަރު އައިސަތު މުހައްމަދު ދީދީ އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

‎މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ ޓީމަކުން ދަނީ މިކަމާގުޅޭ ގޮތުން ބައެއް މަސައްކަތްތައް މިހާރު ވެސް ކުރަމުންނެވެ. އަދި، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އަންނަނީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުންނެވެ.

ނައިބު ރައީސް އާއި ސަރުކާރުގެ މިނިސްޓަރުންގެ ފެންވަރުގެ ޓީމެއް "ފިޔަވަތި" ހާލަތު ބަލައިލަން ދިޔައިރު "ފިޔަވަތި" ގައި މައްސަލަތައް ފުނިޖެހި ބޮޑުވަމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. އެ ތަނުގައި ތިބޭ ކުދިންގެ ފަރާތުން އަހުލާގީ ވަރަށް ގިނަ މައްސަލަތައް ފާހަގަވެ އެ ކުދިންގެ އުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެތަނުގައި ތިބި ކުރިން ފުރާޅަށް އަރައި ތަނުގައި ހުޅުޖަހައި ގިނަ ރައްޔިތުން ތަކެއް އެސަރަހައްދަށް ޖަމާވެ، މީޑިއާތަކުގެ ފާޑުކިޔުން އަމާޒުވުމުން މިނިސްޓްރީ އަށް އަމާޒުވުމުން ޖެންޑާއިން ވަނީ ބަޔާނެއް ނެރަފަ އެވެ.

މިކަމާއި ގުޅީގެން ގިނަ ބަޔަކު ސަރުކާރަށާއި ޖެންޑާ މިނިސްޓްރީއަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.