ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރޭވިފައިވާ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އަމާޒުކޮށް ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއެކު ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލުވުންތަކެއް ބާއްވަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީ އެކުދިންނަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރޭވިފައިވާ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އަމާޒުކޮށް ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއް-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އިއްޔެވެސް މިފަދަ މުހިއްމު އިތުރު ބައްދަލުކުރެއްވުމެއް ކުރިއަށްގެންދަވާފައިވެ އެވެ. އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ކެބިނެޓްގެ ކަމާގުޅުންހުރި ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ވަޒީރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެ މަނިކުފާނު ވަނީ ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވައްޗަށް ޒިޔާރަތް ކުރައްވާ، އެ މަރުކަޒުގައި ތިބި ކުދިންނާއި އެ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރޭވިފައިވާ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އަމާޒުކޮށް ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއް-- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުޑަކުދިންގެ ހައްޤުތަކަށް ދެއްވާ ހާއްޞަ ސަމާލުކަން ފާހަގަކުރައްވަމުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުތައް ވުޖޫދަށް ގެނައުމުން ފެށިގެން އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދީ އެކުދިންގެ ކަންކަން ގާތުން ބަލައިގެން ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ އިސްކަމެއް ދެއްވާ ކަމުގައި ނައިބު ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ކޮންމެ ކުއްޖަކީ ވެސް ރަނގަޅު ކުއްޖެއް ގޮތުގައި މުޖުތަމައަށް ނެރެވޭ ކުއްޖަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއްވާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.