ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލި މައްސަލާގައި ކުރިއަށް އޮތް ތަނުގައި ދައުލަތުން ސްޓޭންޑް ބަދަލު ނުވާނެތޯ ވިދާޅުވެ، ވަރުގަދަ ސުވާލުތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދައުލަތަށް މިއަދު ސުވާލުތަކެއް އަމާޒުކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެމްއެމްޕީއާރުސީގެ މައްސަލާގެ ތަހުގީގު ކުރިއަށް ދާ މިންވަރަކުން އާ ހެކިތައް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު އިތުރު ހެކިތަކެއް ލިބުނަސް، ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައި އޮތްއޮތުން ބަދަލު ނުވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެގޮތަށް ބުނުމުން، މައްސަލަ ބައްލަވާ ބެންޗުން ވަނީ ތަހުގީގު ކުރިއަށް ދާ މިންވަރަކުން ދައުލަތުގެ ސްޓޭންޑް ބަދަލު ނުވާނެތޯ ސުވާލު ކުރައްވައިފަ އެވެ. ކުރިން ބައެއް މައްސަލަތަކުގައި އެކި މަރުހަލާތަކުގައި އެކި ގޮތަށް ދައުލަތުން ވާހަކަ ދައްކާފައިވާ ކަމަށާއި މި މައްސަލާގައި އެގޮތަށް ނުވާނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

"ކޯޓުތަކުން ހުކުމް ކުރެއްވުމަށް ފަހު ތި ބޭފުޅުންގެ ހިސްޓްރީއެއް އޮވޭ ދެއްތޯ ސްޓޭންޑް ބަދަލުވުމުގެ. އަޅުގަނޑުގެ ސުވާލަކީ މި މައްސަލާގައި އިހްތިމާލު އޮންނާނެތޯ ސްޓޭންޑް ބަދަލުވުމުގެ،" ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވި އެވެ.

https://www.youtube.com/watch?v=QzPeNZXGkR8

ދައުލަތުން ބުނީ އެ މައްސަލާގައި ސްޓޭންޑް ބަދަލު ނުވާނެ ކަމަށެވެ.

އެސްއޯއެފްގެ ވެރިންނަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ދައުލަތުން ބުނުމުން ވެސް ފަނޑިޔާރުންގެ ސުވާލުތައް އަމާޒުވި އެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ޔާމީންގެ އެކައުންޓްތަކަށް ޖަމާވި ފައިސާގެ މައްސަލާގައި ތުހުމަތު ކުރެވޭ އަސްލު ކުށް ސާބިތު ކުރުމެއް ނެތި، އެކައުންޓަށް ފައިސާ ޖަމާވި މައްސަލަ ސާބިތު ކުރާނީ ކިހިނެތްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި ދައުލަތުން އެކަމާ ގުޅޭ ގިނަ މައުލޫމާތުތައް ކޯޓާ ހިއްސާ ކޮށްފައިނުވާ ކަމަށާއި އެހެންވުމުން އެކަމާ ބެހޭ ވަރަށް ގިނަ ކަންކަން ކޯޓަށް ނޭނގޭ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ.

"ދެންމެ ވިދާޅުވެއްޖެ އެސްއޯއެފްގެ މައްޗަށް ނުވަތަ ޝާމިލްވާ ފަރާތުގެ މައްޗަށް ދައުވާ ނުކުރުމަށޭ ނިންމަވާފައި އޮތީ. އެކަމަކު މުޅި މި މުއާމަލާތް މި ގުޅެނީ އެސްއޯއެފްއާ ދެއްތޯ. އެހެންވީމަ ކިހިނެތްތޯ ކުށް އުފަންވީ. ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ބުނާއިރު، ކާކުތޯ ކުށްކުރީ އެ ފައިސާ ހޯދަން،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ.

ދައުލަތުން ބުނީ އަސްލު ކުށްކުރި މީހުންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެ މައްސަލާގައި ކުށް ސާބިތުވެފައިވާ ކަމަށެވެ. އަދި ކުށްކުރީ އެ މީހުން ކަމަށް ދައުލަތުން ބުންޏެވެ.

އެސްއޯއެފްގެ އެކައުންޓްގައި މުޅިން ވެސް ހުރީ ކުށްކޮށްގެން ހޯދި ފައިސާއެއްތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި އެސްއޯއެފްގެ އެކައުންޓްގައި 70 މިލިއަން ޑޮލަރަކީ ކުށްކޮށްގެން ހޯދި ފައިސާއެއްތޯ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެސްއޯއެފްގެ އެކައުންޓްތަކަކީ އެމްއެމްޕީއާރުސީގެ ފައިސާ ދައުރުކުރަން ބޭނުންކުރި އެކައުންޓްތަކެއް ކަމަށެވެ.

އެސްއޯއެފްގެ އެކައުންޓުން އެތައް ބަޔަކަށް ފައިސާ ފޮނުވިއިރު، ފައިސާ ލިބުނު އެހެން ފަރާތްތަކަށް ދައުވާ ކުރިތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި ޔާމީންގެ އެކައުންޓަށް ޖަމާވީ އެއް މިލިއަން ޑޮލަރު ކަމަށް ވާއިރު، އެއަށް ވުރެ ބޮޑެތި އަދަދުތަކުން ފައިސާ ލިބުނު މީހުންނާ މެދު އަމަލު ކުރީ ކިހިނެތްތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އޭސީސީގެ ކުރީގެ އިސް މުވައްޒަފަކާއި ޕީޕީއެމް ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. އަދި އެސްއޯއެފްގެ އެކައުންޓްތަކުން ފައިސާ ލިބުނު އިތުރު މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ތަހުގީގު ކުރިއަށް ގެންދަނީ ރާއްޖޭގެ ވަސީލަތްތައް ހުރި މިންވަރުން ކަމަށް ދައުލަތުން ބުންޏެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ބާއްވާނެ އެވެ.