މާލޭގެ ގެއެއްގައި ދިރިއުޅުނު އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ރޭ ދަންވަރުގެ ވަގުތެއްގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ މއ. ކުރެދިވަރުގޭގެ ތިންވަނަ ފަންގިފިލާގައި އަންހެނަަކަށް އަނިޔާކުރާ އަޑު އެ ސަރަހައްދުގެ މަގުމަތުން ހިނގާފައިދިޔަ ބަޔަކަށް އިވުމުން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮހެވެ.

މީގެ އިތުރުން މަންޒަރު ދުށް މީހަކު ވަނީ އެ އަންހެންމީހާއަށް އަނިޔާކުރާ އަޑު އިވުނުހެން ހީވުމާ ގުޅިގެން މަޑުކޮށްގެން ހުރި ކަމަށާއި، ދެން ބެލި އިރު ފެނުނީ ގޭގެ ބެލްކަނީގައި ހުރި ބިއްލޫރި ދޮރަކާ ދިމާއަށް އެ އަންހެން މީހާ ކޮށްޕައިލުމުން، ބިއްލޫރިގަނޑު ފުނޑުފުނޑުވި މަންޒަރު ކަމަށެވެ.

ނަމަވެސް އެވަރުން ވެސް އަނިޔާކުރުން ހުއްޓާނުލާ ކަމަށާއި، އޭގެ ފަހުން ވެސް އެ އަންހެން މީހާއަށް އަނިޔާކުރާ އަޑު އިވުނު ކަމަށް މަންޒަރުދުށް މީހާ ވަނީ ބުނެފަ އެވެ. އަނިޔާކުރާ އަޑު ގަދަވެ، ފަންގިފިލާގެ ބަޔަކު ފުލުހުންނަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

ފުލުހުން އެ ސަރަަހައްދަށް ގޮސް އަންހެން މީހާ ނެރެން ޖެހުނީ ސްޓްރެޗާއްގަ އެވެ. އަދި އޭނާއަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން މެދު އުމުރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ހިނގައިދިޔަ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާއަށް ދަނީ ސިއްހީ ފަރުވާ ދެމުންނެވެ.