ޓެލެގްރާމްގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ ލީކުކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަ 15 ދުވަސް އިތުރުކޮށްފި އެވެ.

އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކުރުމަށް ފަހު ޓެލެގްރާމްގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ ލީކޮށްފައިވާ މައްސަލާގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސަމީއު އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އިއްޔެ ބަންދު މުރާޖައާ ކުރުމަށް ކޯޓަށް ގެންދިއުމުންނެވެ.

ޕީޖީ އޮފީހުން މަސާއިދުގެ މައްޗަށް ކޮށްފައިވާ ދައުވާތައްކުގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ، އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ، އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ، އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ދައުވާ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ މަސާއިދަކީ އެކި ދުވަސް މަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ލީކުކުރަމުން އައި މީހެއް ކަމަށެވެ.

މަސާއިދު އަކީ ކުރިން ވެސް މިފަދަ މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.