ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކެއް އުފައްދާފައިވާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް)އިން އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން ބައެއް ފިލްމުތައް އަންނަ އަހަރަށް ރިލީޒްކުރަން ނިންމައިފި އެވެ.
ވައިއާރްއެފްގެ ފިލްމުތައް ރިލީޒް ކުރާ ތާރީހުތައް އިއުލާނު ކޮށްފައި މިވަނީ އަންނަ މަހުގެ 22 އިން ފެށިގެން މަހާރާޝްތުރާގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދިނުމާ ގުޅިގެންނެވެ. އެގޮތުން އެކުންފުނީގެ ބޮޑު ތިން ފިލްމުވެސް ވަނީ އަންނަ އަހަރަށް ރިލީޒް ކުރުމަށް ނިންމާފަ އެވެ.
ޕްރިތުވިރާޖް
ތާރީހީ އެކްޝަން ފިލްމު ”ޕްރިތުވިރާޖް“ އަކީ އިންޑިއާގެ ގިނަ ސްޓޭޓްތަކެއްގައި ރަސްކަން ކުރި ޕްރިތުވިރާޖް ޗޯހާންގެ ޙަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
ލެޖެންޑްރީ ރަސްގެފާނު ޕްރިތްވީ ޗޯހާންގެ ރޯލުން އަކްޝޭ ކުމާރު ފެންނައިރު ރީތީގެ ރާނީ މަނޫޝީ ޗިއްލަރު ހިންދީ ސިނަމާއަށް ތައާރަފްވެގެންދާނީ ވެސް މި ފިލްމުންނެވެ. މި ދެތަރިންގެ އިތުރުން ސަންޖޭ ދަތާއި ސޯނޫ ސޫދް ވެސް މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.
މި ފިލްމަކީ ކާމިޔާބު ޓީވީ ސިލްސިލާތަކެއްވެސް އުފައްދާފައިވާ ޗަންދުރަޕްރަކާޝް ދިވޭޑީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
2003 ވަނަ އަހަރު "ޕިންޖަރް" ގެނެސްދިން ޑައިރެކްޓަރުގެ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 22 ގަ އެވެ.
ޖަޔޭޝްބާއީިި ޖޯރްދާރް
ދިވްޔަންގް ޓައްކަރުގެ ފުރަތަމަ ޑައިރެކްޝަން "ޖައޭޝްބާއީ ޖޯރްދާރް" އަކީ ސޯޝަލް ކޮމެޑީ ފިލްމެކެވެ. މި ފިލްމު އަންނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ލީޑްރޯލުން ފެންނާނީ ސުޕަ ސްޓާރު ރަންވީރް ސިންގް އެވެ.
އާއިލާއާއިއެކު ބަލާލަން ރަގަޅު މަޖާ މި ފިލްމުގައި ރަންވީރު ފެންނާނީ އިންޑިއާގެ ގުޖުރާތް މީހެއްގެ ގޮތުގަ އެވެ. ރަންވީރުއާއެކު ދެން ފިލްމުން ފެންނާނީ ހިންދީ ސިނަމާއަށް އަލަށް ތައާރަފްވާ ޝާލިނީ ޕާންޑޭގެ އިތުރުން ބަމަން އިރާނީ އަދި ރަތުނާ ޕާތަކް ޝާހް އެވެ.
ޝަމްޝޭރާ
ކުރިން "އަގްނީޕަތު" އާއި "ބްރަދާސް" ގެނެސްދިން ޑައިރެކްޓަރު ކަރަން މަލޯޓްރާ ޑައިރެކްޓްކޮށް ގެނެސްދޭ "ޝަމްޝޭރާ" ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ.
ރަންބީރް ކަޕޫރާއި ވާނީ ކަޕޫރްގެ އިތުރުން ސަންޖޭ ދަތު މައިގަނޑު ރޯލުތަކުން ފެނިގެންދާ "ޝަމްޝޭރާ" އަކީ ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ. ފިލްމުގެ ވާހަކައާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް ހާމަކޮށްފައި ނުވިނަމަވެސް ސަންޖޭ ދަތު ކުޅެނީ ވިލަންގެ ރޯލުކަން އޭނާ ވަނީ ޔަގީން ކޮށްދީފަ އެވެ.