ދައުލަތުން ކުޑަކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގައިވާ ފިޔަވަތީގައި ތިބޭ ކުދިންނަށް، އެ އިމާރާތުގެ ފުރާޅަށް ނޭރޭގޮތް ހަދައިފި އެވެ.

އެ ކުދިންނަށް ފުރާޅުމައްޗަށް ނޭރެވޭނެ ގޮތަށް އިމާރާތަށް ބަދަލު ގެނައީ މިމަހުގެ 17 ވަނަ ދުވަހު ފިޔަވަތީގައި ދިރިއުޅޭ ކުދިންތަކެއް ފުރާޅަށް އަރައި ހަމަނުޖެހުންތަކެއް ހިންގުމާއި ގުޅިގެންނެވެ. މިކަމުގެ ސަބަބުން ޖެންޑާ މިނިސްޓްރީއަށް ވަނީ އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ.

އެ ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީީ ވިދާޅުވީ ކުދިން ފުރާޅަށް އެރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ރިޕޯޓްތަކެއް ތައްޔާރުކޮށްފަ އެވެ.

އެ ރިޕޯޓުގައި ފިޔަވަތީގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު، އެކަންތައްތައް އިސްލާހުކޮށް، ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ރައްކާތެރިކަމަށް ރިޕޯޓުގައި ހާމަވެފައިވާ މައްސަލަތަކަށް ވަގުތުން ވަގުތަށް އަަޅަންވާ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ޖެންޑާ މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ. މިކަމާ ގުޅިގެން ޖެންޑާއިން ބުނެފައި ވަނީ އެ ރިޕޯޓުގައި އަންގާފައިވާ ގިނަ ކަންކަން މިހާރު ވަނީ ހައްލުކުރެވިފައި ކަމަށެވެ.

ފަހަކަށް އައިސް ދައުލަތުގެ ކުދިން ބަލަހައްޓާ ބައެއް ތަންތަނުގައި ދިމާވާ އެކި ކަންކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކެއް ދަނީ އަމާޒުވަމުންނެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާތައް އެކި ފަހަރުމަތިން ދިމާވުމާއި، ކުޑަކުދިންގެ ހިޔާގައި އުޅޭ މީހުންގެ ފަރާތުން ކުދިންނަށް އަނިޔާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ފާހަގަކުރެވެ އެވެ.