ލުނބޯ، ލޮނު އަދި އަސޭމިރުހަކީ ސެލެޑެއްގެ ރަހަ މީރުކޮށްދޭ ތިން ބާވަތްކަމުގައި ވެދާނެ އެވެ. ނަމަވެސް މި ތިންބާވަތް އެއްކޮށްލުމުން ލިބޭ ފައިދާތަކަކީ އެއަށްވުރެ ވެސް ބޮޑަށް ފާހަގަ ކޮށްލެވޭ ކަމެކެވެ.

ލޮނާއި އަސޭމިރުހާއި ލުނބޯއަކީ ވަކި ވަކިން ވެސް ސިއްހަތަށް ގިނަ ފައިދާތަކެއް ކުރުވާ އެއްޗެކެވެ. ލުނބޯއަކީ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދޭ އެއްޗަކަށްވާއިރު ލޮނުން އަހަރުމެންގެ ގައިގައި ވަރު ޖައްސައިދެ އެވެ. ވީއިރު މި ބާވަތްތައް އެއްކޮށްލުމުން ލިބޭ ފައިދާތައް ކިހާ ގިނަވާނެ ހައްޔެވެ.

މި ލިޔުމުގައި މި ބަލާލަނީ މަތީގައި ދެންނެވުނު ތިން ބާވަތް އެއްކޮށް ބޭނުން ކުރުމުން ހަށިގަނޑަށާއި ސިއްހަތަށް ލިބޭ ބައެއް ފައިދާތަކަށެވެ.

ކަރުގައި ރިއްސުން

އާއްމުކޮށް "ސޯ ތްރޯޓް" އޭ މިކިޔާ ކަރުގެ މައްސަލައަށް މި ބާވަތްތަކަކީ ވަރަށް އަސަރުހުރި ބާވަތްތެކެކެވެ. މި ބާވަތްތައް ކުޑަ ފެންފޮދަކަށް އަޅާލުމަށްފަހު ގިރައިގެން ބޯށެވެ.

ހަށިގަނޑުގައި އުފެދޭ ހިލަތައް ނައްތާލަދޭ

ބްލެޑާއާއި ކިޑްނީ ފަދަ އެތެރެ ހަށީގެ ގުނަވަން ތަކުގައި ހިލަ އުފެދުމަކީ ހިތި ތަޖުރިބާ އެކެވެ. މިކަމުން ލުޔެއް ހޯދުމަށްޓަކައި މި ދެންނެވުނު ބުއިމަކީ ރަނގަޅު ބުއިމެކެވެ.

ބަރުދަން ލުއިކުރުން

އަވަހަށް ނަތީޖާ ފެންނަހެން ބަރުދަން ލުއިކުރުމަކީ އެންމެންގެ ވެސް ހުވަފެނެކެވެ. ލޮނާއި ލުނބޯ އަދި އަސޭމިރުސް ބޭނުންކޮށްގެން ޑީޓޮކްސް އެއް ބުއިމަކީ ބަރުދަން ލުއިކުރުމަށް ފަސޭހަ ކޮށްދޭ ކަމެކެވެ.

އެކި ކަހަލަ ރޯގާތައް

އަރިދަފުސް ރޯގާގެ އިތުރުން އެކި ކަހަލަ މޫސުމީ ރޯގާތަކަށް މި ބާވަތްތައް ބޭނުންކޮށްގެން ހަދާ ފެނަކީ ފަރުވާ އެކެވެ. މި ބުއިމުން ނޭފަތް ބެދުން ރަނގަޅުވެ އަރުތެރެ ސާފު ކޮށްދެ އެވެ.