އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) ގެ އެހީތެރިކަން ކުރިއަށް އޮތް ފަސް އަހަރު ވެސް ރާއްޖެއަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެ ބޭންކުން ނެރުނު ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓެޖީ (ސީޕީއެސް) ގެ ދަށުން އަންނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާއި ހަމައަށް ރާއްޖެއަށް އެހީދޭނެ އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަރައްގީއަށް އެ އިދާރާއިން މިހާރު ވެސް އެހީވަމުން އަންނަ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ ތެރޭގައި ޕްރައިވެޓް ސެކްޓާ އާއި ހެލްތު އަދި ތައުލީމީ ދާއިރާ ކުރިއެރުވުން ހިމެނެ އެވެ.
އޭޑީބީން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ އެހީ ދީފަ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ދިން 25 މިލިއަން ޑޮލަރާއި ލޯނުުގެ ގޮތުގައި ދިން 25 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން ވެސް އެ އިދާރާ އިން ވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ސަރުކާރަށް އެހީވުމުގެ ގޮތުން އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދީފަ އެވެ.
އޭޑީބީ އަކީ ރާއްޖޭގެ ތަރައްގީއަށް އެކި ގޮތްގޮތުން އެހީތެރިވާ ބޭންކެކެވެ.
މިގޮތުން 1978 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކިއެކި ދާއިރާތަކަށް އެ ބޭންކުން ވަނީ ލޯނާއި އެހީ ދީފަ އެވެ.
ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް މެމްބަރު ޤައުމުތަކަށް އެހީވުމަށް އޭޑީބީ އިން ވަނީ 6.5 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ.