ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ސައުމީ އިނާމު 14 ބޭފުޅަކަށް ދެއްވައިފި އެވެ.

މި އިނާމުތައް ދެއްވީ، 1443 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ސޯލިހު ދެއްވީ، ހަނދާނީ ފިލާއެކެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. މިއަހަރު ސަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް މި އިނާމު އެރުވީ އެބޭފުޅާގެ ހަނދާނަށެވެ.

މިރޭ ސަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

  • ކީރިތި ގްރުއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރުއާނުގެ ޢިލްމުގެ ދާއިރާއިން: އަލްމަރްޙޫމް އިބްރާހީމް ހުސައިންފުޅު، މަންޒިލް، ބ. ތުޅާދޫގެ ހަނދާނަށް.
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ހަސަން ލަބީބު، ކެމީ، ސ. ހިތަދޫ
  • ސިއްހީ ދާއިރާއިން: ޑޮކްޓަރު ހާމިދު ރަޝީދު، މއ. އެވޭލާގެ
  • ކުޅިވަރުގެ ދާއިރާއިން: މައްލާ ޅަތުއްތު، ހ. ސާވަން

ރޭގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 14 ބޭފުޅުންނަކީ:

ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްޙާފިޡާ ލަޠީފާ އަޙްމަދު، މާވުލެސް، ސ. ހިތަދޫ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަސް އުގަންނައިދިނުމުގެ ރޮނގުން: އަބްދުﷲ ޖަމީލް، ވައްވަރުގެ، ޅ. ނައިފަރު

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން: ފަތުހުﷲ އަހްމަދު، މޫރިތިގެ، ހއ. އިހަވަންދޫ

ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: ޝަރަފުލްހުދާ މުހައްމަދު، ސީނުގެ، ގއ. ނިލަންދޫ

އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން(އިމަގު)

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ މުޖުތަމަޢުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތްކުރުމުގެ ރޮނގުން: މުޙައްމަދު ރާޝިދު، މ. ހުސްނޫ

ފަތުރުވެރިކަމުގެ ދާއިރާއިން؛ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން: ޔޫސުފް ރިފްއަތު، ނޫވިލު، ޅ. ހިންނަވަރު

މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތްކުރުމާއި، ކުރިއެރުވުމުގެ ރޮނގުން: ފާތިމަތު ޝިފާ މޫސާދީދީ، ސަރާސަރުގެއާގެ، ސ. ހިތަދޫ

މުވާޞަލާތާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން: ކޮމްޕިއުޓަރ ސޮފްޓްވެއާ އާއި، ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން: ޑޮކްޓަ މުޙައްމަދު ކިނާނަތު، މއ. ބޮޑުދަހަރާގެ

ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: އިބްރާހީމް މުޙައްމަދު، ހ. ސްނޯޕީކް

ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: ޢަލީ ރަޝީދު، ހަނދުވަރީގެ، ސ. ފޭދޫ

ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: ފާތިމަތު ސާލިޔާ، ވާރޭވިލާ، ހދ. ނޭކުރެންދޫ

ވިޝުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި،ފަރުމާކުރުން)ގެ ރޮނގުން: މައިމޫނާ، މ. މިރިޔާސްގެ

ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: އަރުޝަދު އަޝްރަފް، ހުސްނުހީނާގެ، ހއ. ހޯރަފުށި

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވި އެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދެނީ.. ފޮޓޯ: ރައީސް

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.