އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ލުއި ދޭ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ އެ ގައުމުން އެހެން ގައުމުތަކަށް ދަތުރު ކުރުމުގައި ލުއި ދޭނެ ގައުމުތަކުގެ ލިސްޓެއް އެކުލަވާލައިފަ އެވެ. އެ ލިސްޓުގައި ނުހިމެނޭ ގައުމުތަކަށް ދަތުރު ކުރުމަށް ފަހު އެނބުރި އިނގިރޭސިވިލާތަށް ދާ ނަމަ ކަރަންޓީންގައި މަޑުކުރަން ޖެހޭނެ އެވެ.
އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރާންޓް ޝަފްސް ކުރެއްވި ޓްވީޓެއްގައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ މީހުން އެނބުރި އެ ގައުމަށް ދިއުމަށް ފަހު ކަރަންޓީންގައި މަޑުކުރަން ނުޖެހޭނެ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ ހާލަތަށް އައިސްފައިވާ ބަދަލަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
ރާއްޖޭގެ އިތުރުން އަލަށް އެ ލިސްޓުގައި ހިމެނީ ޑެންމާކާއި މިކޯނޯސް އެވެ.
އިނގިރޭސިވިލާތުން އެގޮތަށް ނިންމިއިރު، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ އެއް ގައުމަކީ ވެސް އިނގިރޭސިވިލާތެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައީ 27،000 ފަތުރުވެރިންނެވެ.