ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފާއި މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ލީޑު ރޯލުން ފެނިގެންދާ "މެރީ ކްރިސްމަސް" ޝޫޓިންތައް އަންނަ ޑިސެމްބަރު މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ސަސްޕެންސް ތުރިލާ "މެރީ ކްރިސްމަސް" ޝޫޓިންތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފިލްމުގެ ބަތަލުގެ ރޯލު އެންމެ ކުރިން ހުށަހެޅީ ސަލްމާން ޚާނަށެވެ. އެހެން ނަމަވެސް މިފިލްމަކީ ކުޑަ މިފިލުމެއް ކަމުން ސަލްމާން ޚާން ވަނީ މިފިލްމު ގަބޫލުނުކޮށްފަ އެވެ.
"ރޭސް 3" ގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ "މެރީ ކްރިސްމަސް" އަކީ އެންމެ 90 މިނިޓްގެ ވަރަށް ޑާކް ފިލްމެކެވެ. ކުޑަ ބަޖެޓަކުން ހަދާ މި ފިލްމު ސިނަމާތަކުގައި އަޅުވާނީ އިންޓަވަލެއް ވެސް ނުހިމެނޭ ގޮތަށް ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ.
"މެރީ ކްރިސްމަސް" އަށް ފަހު އޭނާ ދެން ހަދާނީ ބައޮގްރަފިކަލް ޑްރާމާއެކެވެ. "އެއްކީސް" ކިޔާ ފިލްމުގެ ބަތަލަކީ ވަރުން ދަވަނެވެ.
ސްރީރާމް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އަޔޫޝްމަން ކްރާނާގެ 2018 ގެ ފިލްމު "އަންދާދުން" އެވެ. އެ ފިލްމުން އަޔޫޝްމަނަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު އިރު، ފިލްމަށް ލިބުނު އިތުރު ނެޝަނަލް އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ހިންދީ ފިލްމާއި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ހިމެނެ އެވެ.