މައްސަލަ ބޮޑުވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ދީފި އެވެ.

އިމާދުއްދީން ސްކޫލްގައި މިރޭ ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފެވެ.

މިފަހަރުގެ ނޫސްވެރިކަމުގެ އެވޯޑާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ގިނަ އެވޯޑްތައް ލިބިފައިވަނީ މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ނިއުސް ހެޑްކަން ކުރައްވާ ސަންގު ޓީވީއަށެވެ. އެގޮތުން ސަންގުގެ ތިން ނޫސްވެރިއަކު އެވޯޑު ހާސިލް ކުރި އެވެ. ދެން އެވޯޑު ހާސިލް ކުރީ ވަގުތު އޮންލައިން، މިހާރު އަދި ރާއްޖެ ޓީވީގެ ނޫސްވެރިންނެވެ.

މިފަހަރުގެ އެވޯޑަށް ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ނޫސްވެރިންނާއި ގިނަ މީޑިއާތަކުން ކުރިމަތިލާފައިވެ އެވެ. އެގޮތުން ރާއްޖޭގެ ގިނަ ދުވަސްވީ މީޑިއާތަކުން ނޫސްވެރިން ކުރިމަތިލި ނަމަވެސް އެއިން އެއްވެސް ނޫސްވެރިއަކަށް އެވޯޑެއް ނުލިބެ އެވެ.

ޝަހުބާން ފަހުމީ - މީޑިއާ ކައުންސިލްގެ ރައީސް އަދި ސަންގު ޓީވީގެ ނިއުސް ހެޑް

މިފަހަރު އެވޯޑް ލިބުނު ނޫސްވެރިންނަކީ:

  • ފީޗާ / ރިޕޯޓު ދާއިރާއިން: މާހަތު ހުސައިން ރަޝީދު (ސަންގު ޓީވީ)
  • ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިން: ހައްވާ މިންހާ (ސަންގު ޓީވީ)
  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން: އިބްރާހިމް ޝާބިލް (ވަގުތު އޮންލައިން)
  • ކުޅިވަރުގެ ދާއިރާއިން އިނާމު ހާސިލުކޮށްފައިވަނީ: މުޙައްމަދު ހަމްދޫން (މިހާރު)
  • ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން: ފާތިމަތު ޝަނާ މުޙައްމަދު (މިހާރު)
  • ޝަރުއީ އަދި ގާނޫނީ ދާއިރާއިން: ލައިސާ އަހްމަދު (ރާއްޖެ ޓީވީ)
  • ސިޔާސީ ދާއިރާއިން އިނާމު: މާހަތު ހުސައިން ރަޝީދު (ސަންގު ޓީވީ)
  • ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާއިން: އަމްނާ އިމާދު (ރާއްޖެ ޓީވީ)

މި ޖަލްސާގައި ހަޔާތީ އަރުތައިގެ އިނާމް ދެ ބޭފުޅަކަށް ވަނީ އަރުވާފަ އެވެ. އެއީ ކުރީގެ ނޫސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެމްބަރު އަލްމަރްހޫމް ހުސެއިން މުޙައްމަދުގެ ހަނދާނަށާއި ރާއްޖޭގެ އެންމެ ދުވަސްވީ ޗާޕު ޚާނާ ނޮވެލްޓީ ޕްރިންޓާސްގެ ވެރިޔާ އަލްމަރްހޫމް އަލީ ހުސެއިންގެ ހަނދާނަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށް ރައްޔިތުންގެ މަޖިލިހަށް ވަނީ މައްސަލައެއް ހުށައަޅާފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި މި ސިޓީގައި 15 މީޑިއާއެއްގައި މަސައްކަތް ކުރާ 80 އާ ގާތްކުރާ އަދަދެއްގެ ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށްފައިވެ އެވެ.

ނޫސްވެރިކަމުގެ އެވޯޑުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ ހިލާފަށް ކަމަށް ވެސް މި ސިޓީގައި ވަނީ ބުނެފަ އެވެ. އަދި ބައެއް މީޑިއާތަކުން މިމައްސަލަ ސިވިލް ކޯޓަށް ވެސް ހުށައެޅި އެވެ. ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ މަރުހަލާގައި ދެ ފަރާތުން ވާހަކަދައްކައިގެން ވެސް މައްސަލައަށް ހައްލެއް ގެނެވޭ ގޮތެއް ނުވި އެވެ. އަދި މައްސަލައާއި ގުޅިގެން ބޭއްވި އަޑުއެހުމުގައި ގާޒީ ވަޒީ އެއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް މިއަދު ކަނޑައަޅާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.