އަލީ މުހައްމަދު (އަލިބެ) އަކީ އަސްލު ވަޑިއެއް ނޫނެވެ. އޭނާގެ އެ ވިޔަފާރި ނިސްބަތް ވަނީ ފުވައްމުލަކުގެ އެންމެ ކުޅަދާނަ ކިއްސަރު ވަޑި (މާވަޑިޔާ) އަދި އޭނާގެ ކާފައަށެވެ. އަލިބެ ބޭނުންވީ އޭނާގެ އެ ވިޔަފާރިން ކާފަގެ ނަން ދިރުވާށެވެ.
މީގެ 40 ވަރަކަށް އަހަރު ކުރިން ހޮޓާ ވިޔަފާރި ފެށުމުގެ ކުރިން އޭނާއަކީ މާލެ އާއި އެކި ތަންތަނުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަމުން ގެންދިޔަ މީހެކެވެ. ނަމަވެސް ހަ ކުދިންގެ ބައްޕަ އާއިލާއާއެކު ރަށުގައި ވަގުތު ހޭދަކުރަން ބޭނުންވުމުން ގަސްދުކުރީ އަމިއްލަ ކެންޓީނެއް ނުވަތަ ކެއިންބުއިމުގެ ޚިދުމަތްދޭ ތަނެއް އުފަން ރަށް، ފުވައްމުލަކުގައި ހުޅުވުމަށެވެ.
މިއީ ފުވައްމުލަކުގައި ހޮޓާ ވިޔަފާރީގެ ފެށުމެވެ؛ 1980 ވަނަ އަހަރު އެ ވިޔަފާރި އޭރު ފެށީ ރަށު އޮފީހުން ހަތް ދުވަހުގެ ވަގުތީ ހުއްދައެއް ހޯދައިގެން ވަރަށް އާދައިގެ ގޮތަކަށެވެ. ތިން ފަހަރެއްގެ މަތިން އެ ހުއްދަ އާ ކުރުމަށްފަހު އޭނާ ގަސްދުކުރީ "މާވަޑިޔާ"ގެ ނަމުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ހޮޓަލެއް ހުޅުވާށެވެ.
"އަށްޑިހަ ވަނަ އަހަރު ބޮޑު އީދާ ދިމާކޮށް ފެށީ ކުޑަ ކެންޓީނެއް. އެއީ މިހާރު މި ފެންނަ މާވަޑިޔާގެ ފެށުމަކީ،" ހޮޓާ ވިޔަފާރި ފެށި ގޮތް "ހުރިހާ"އަށް ކިޔައިދެމުން އަލިބެ ބުންޏެވެ.
"މާވަޑިޔާ"ގެ ނަމުގައި ފަނަރަ ވަރަކަށް މީހުންގެ ޖާގައިގެ ހޮޓާ ހިންގަމުންދަނިކޮށް އެ ހިދުމަތާ ދުވަސްކޮޅަކު ދުރުގައި ހުންނަން ޖެހުނެވެ. ނަމަވެސް އެ ދުވަސްވަރު އޭނާގެ އާއިލާއިން އެތަނުގެ ހިދުމަތް ދެމުންގެންދިޔަ އެވެ. އަދި އެ މަސައްކަތަށް އެނބުރި އައިސް 1990 ވަނަ އަހަރު، މިހާރު މާވަޑިޔާ ހޮޓާ ހިންގާ ތަނުގައި އަލުން އިމާރާތެއް ހަދައި، ޚިދުމަތް ފުޅާކުރި އެވެ.
ރަހައަކަށް ތަނަކަށް ބަދަލެއް ނާދޭ
"އެންމެ ފުރަތަމަ ދުވަހު ވެސް ނިންމައިގެން ހުރީ އަމިއްލަ ގެއިން ފިޔަވައި އިތުރު އެހެން އެއްވެސް ތަނަކުން ކާބޯތަކެތި ތައްޔާރުކޮށްގެން ނުގެންނަން. މިހާރު ވެސް މިތަނަށް ކާބޯތަކެތި ތައްޔާރުކޮށްގެން ގެންނަނީ އަމިއްލަ ގެއިން،" އަލިބެ ބުންޏެވެ.
މާވަޑިޔާ ހޮޓަލުން ލިބޭ މަސްބުރި ރިހަ އާއި އެނޫން ވެސް އެކި ވައްތަރުގެ މީރު ރިހަ ފުވައްމުލަކުގައި އަދިވެސް ވަރަށް މަޝްހޫރެވެ. ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި އަދިވެސް އެތަނުގެ ރަހަތަށް މިހާރު ވެސް އެހާމެ މަގުބޫލެވެ. ސަބަބަކީ ޒަމާން ބަދަލުވިޔަސް އެތަނުން ލިބޭ ތަކެތީގެ ރަހައަށް ބަދަލެއް ނާންނާތީ އެވެ.
ތެދެކެވެ؛ މިތަނުގެ ހަނޑުލު ގުޅަ އާއި ބަޖިޔާ، ޕެޓީސް ފަދަ ބައެއް ހެދިކާއަކީ މިރަށުގައި ވަރަށް މަޝްހޫރު ހެދިކާގެ ބާވަތްތަކެވެ. ގާތްގަނޑަކަށް ވިއްސަކަށް އަހަރު ފަހުން، މިދިޔަ ބުދަ ދުވަހު މިތަނުން ހަވީރު ސައެއް ބޯލަން ވަންއިރު ލިބުނު ހަނޑުލު ގުޅަ އާއި ބަޖިޔާ، ކަވާބާއި ޕެޓީސްގެ ރަހައަށް އަދިވެސް ބަދަލެއް ނާންނަކަން ފާހަގަވި އެވެ. އެއީ ހަމަ އެންމެ ކުޑައިރު ވެސް މިތަނުން ލިބުނު ގުޅައިން ދޭ ރަހަ އެވެ.
"މިތަން ހުޅުވީއްސުރެން ފެށިގެން މިއަދާ ހަމަޔަށް ގިނަ ތަކެތި ކައްކާނީ އަމިއްލަ ގޭގައި. ނަމަވެސް މިތަނުގެ ބަދިގެއިން ވެސް ބައެއް ތަކެތި ތައްޔާރުކުރަން. މިހާރު ވެސް ހަވީރު ސަޔަށް ހެދިކާ ވެސް ތައްޔާރުކުރާނީ ގޭގައި. އެއްވެސް އެއްޗެއްގެ ރަހައަކަށް ބަދަލެއް ނާންނަ ސަބަބަކީ އެއީ،" ސައި މޭޒުދޮށުގައި ހުރެ ވާހަކަދައްކަމުން އަލިބެ ބުންޏެވެ. "ތިން އަހަރު ކޮށްފައި މިތަނަށް އަންނަ މީހުން ވެސް ބުނޭ މިތަނުގެ ރަހައަކަށް ބަދަލެއް ނާންނަ ވާހަކަ."
ޒަމާން ބަދަލުވެ، އަލިބެގެ އުމުރުން 70 އަހަރު ފުރުނު އިރުވެސް "މާވަޑިޔާ" އަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. ތަނުގެ އިންޓީރިއާއަކަށް ބޭނުންކުރާ ގިނަ ގޮނޑި މޭޒުތަކަކަށް ވެސް ބަދަލެއް ނާދެ އެވެ. ހޮޓަލުގެ ފެންޑާ ނަގައި ހޮޓާ ބޮޑުކުރުން ފިޔަވައި އިތުރު ބަދަލެއް ބޭރުން ގެނެސްފައެއް ނެތެވެ. ނަމަވެސް ހޮޓަލުގެ ބިއްދޮށުގައި އޯޕަން އެއާ ތަނެއް މިފަހުން އިތުރުކުރި ނަމަވެސް މުޅި ހޮޓަލުގެ އަސްލު ގެއްލޭނެ ބަދަލެއް ނުގެނެ އެވެ.
ވޭޓަރަކީ ވެސް ބާޒާރުކުރާ މީހާއަކީ ވެސް އަލިބެ
މިތަނަށް ސައިބޯން ވަންއިރު އެންމެ ފާހަގަކުރެވުނު އަނެއް ކަމަކީ ތަބަކަކަށް ސައިތައްޓާއި ހެދިކާ ތަށި އަރުވައިގެން މޭޒުދޮށަށް އުފުލަނީ އަދިވެސް އަލިބެކަމެވެ. ސައިބޮއެ ނިމުމުން މޭޒުމަތި ސާފުކުރުމުގައި އެހެން ވޭޓަރުންނެކޭ އެއްގޮތަކަށް އަދިވެސް އޭނާ ހަރަކާތްތެރިވެ އެވެ. މަދު މުވައްޒަފުންކޮޅަކަކާއެކު ހިންގާ ހޮޓަލުގެ ކޭޝިއަރު ނުހުންނަ ގަޑިތަކުގައި ކޭޝިއަރުކަން ވެސް ކުރަނީ އަލިބެ އެވެ.
ހޮޓަލަށް ބޭނުންވާ މަސް ގަންނަން މާރުކޭޓަށް ދަނީ ވެސް އޭނަ އެވެ. ހޮޓަލަށް ބޭނުންވާ އެހެނިހެން ތަކެތި ފިހާރަތަކުން ގަނެގެން ސައިކަލުގައި ހޮޓަލާ ހަމަޔަށް އުފުލަނީ ވެސް ހަމަ އަލިބެ އަމިއްލައަށެވެ.
"އަމިއްލަ ދެ އަތުން މަސައްކަތެއް ނުކޮށް މިތަނަށް ވަދެ ބަލަހައްޓައިގެން ހުރުމަކީ ވަރަށް އުނދަގޫ ކަމެއް. މިތަނަށް ބޭނުންވާ ތަކެތި ގަންނަން ވެސް ދާނީ އަހަރެން،" އޭނާ ބުންޏެވެ.
އަލިބެގެ ހުރިހާ ކުދިން ވެސް ބޮޑުވެ، ކިޔަވައި ނިމި ބައެއް ކުދިން މިރަށުގެ އެންމެ ޒިންމާދާރު މަގާމުތައް ވެސް އަދާކުރަމުން އެބަގެންދެ އެވެ. އޭނާގެ އުމުރުން ވެސް ދުވަސްވުމުން އެ މަސައްކަތުގައި އެހާ ބިޒީކޮށް އުޅެން އަލިބެގެ ދަރިން މިހާރު ބޭނުމެއް ނުވެ އެވެ. ނަމަވެސް އަލިބެ ބޭނުން ވަނީ މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ހުރުމުގެ ބަދަލުގައި މަރުވަންދެން ވެސް އެ މަސައްކަތުގައި ދެމިހުންނާށެވެ.
"ދަރިން ބޭނުމެއް ނުވޭ އަހަރެން މިކަމުގެ ތެރޭގައި އަބަދު އުޅެން. އެކަމަކު ކަމެއް ނުކޮށް ހުއްޓިގެން ނުހުންނަން ވެގެން މިކަމުގެ ތެރޭގައި އަބަދު މިއުޅެނީ،" އަލިބެ ބުންޏެވެ. "މިއީ އަހަރެން މިހާރު އާމްދަނީއެއް ހޯދަން ކުރާ ކަމެއް ނޫން. މިއީ ފޫހިފިލުވަން ކުރާ ކަމެއް."
މާވަޑިޔާގެ މީރު ރަހަ ފުވައްމުލަކުގެ މީހުންގެ ހިތުގައި ހަރުލެއްވުމަށް އޭނާ ވަނީ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަލީ ރަމީޒުގެ ރަންޒަމާނުގައި ބޮޑު ހަރަދެއްކޮށްގެން "ފްރީޒް ބޭންޑް" މި ރަށަށް ގެނެސް ނުވަދިހައިގެ ފަހުކޮޅު ވަރުގަދަ ޝޯތަކެއް ވެސް ދީފަ އެވެ. އެ ޝޯއާއެކު މާވަޑިޔާ ވެސް މިރަށުގައި ވަރަށް މަޝްހޫރު ވެގެންދިޔަ އެވެ.
"ފްރީޒް ބޭންޑް މިރަށަށް ތައާރަފުކުރީ ސީދާ މިތަނުން ސްޕޮންސާކޮށްގެން. އެ ބޭންޑް މިރަށަށް ގެނައީ މާވަޑިޔާ ޕްރޮމޯޓްކުރަން. އެ ދުވަސްވަރުގެ ނިސްބަތުން އެއީ މިރަށުގައި ބޭއްވި ވަރަށް ބޮޑު އިވެންޓެއް،" އެ ޝޯގެ ހަނދާންތައް އާކުރަމުން އަލިބެ ބުންޏެވެ.
އިތުރު އެއްވެސް މީހެއްގެ ހިއްސާއެއް ނެތި ފެށި ވިޔަފާރި އޭނާ ހިންގަނީ އެކަމަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އަލިބެ ހުރީ 40 އަހަރުވިޔަސް "މާވަޑިޔާ" އިން އަތްދޫކޮށްލާ ގޮތަކަށް ނޫނެވެ. އަލިބެ އަކީ މާވަޑިއަކަށް ނުވިޔަސް މިހާރު އެއީ ކުޅަދާނަ "މާވަޑިޔާ" އެވެ.
މިތަނަށް ސައިބޯން ވަންއިރު އެންމެ ފާހަގަކުރެވުނު އަނެއް ކަމަކީ ތަބަކަކަށް ސައިތައްޓާއި ހެދިކާ ތަށި އަރުވައިގެން މޭޒުދޮށަށް އުފުލަނީ އަދިވެސް އަލިބެކަމެވެ. ސައިބޮއެ ނިމުމުން މޭޒުމަތި ސާފުކުރުމުގައި އެހެން ވޭޓަރުންނެކޭ އެއްގޮތަކަށް އަދިވެސް އޭނާ ހަރަކާތްތެރިވެ. މިކަމާ އަޅުގަނޑު މުޅިން ދެކޮޅު އެއީ އަޅުގަނޑަކީ ވެސް މާވަޑިޔާއަށް ވަރަށް ގިނައިން ސައި ބޯންދާ މީހަކަށް ވެފައި އަޅުގަނޑަށް އަލިބެ ދުވަހަކު ވެސް ސައިތަށި ގެނެސް ދީފައި ނުވާތީ އެވެ.
މާވަޑިއާގެ ވެރިމީހާ ތިޔާ ވިޔަފާރިން އަތްދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަން އެއީ ރަނގަޅު ފާލެކޭ އެކަމަކު އެބަޖެހޭ މެރިއޮޓް ކުރިއެރިގޮތް ދަސްކުރަން މާވަޑި ވެރިމީހާ ހަމަ އެކަނި ފުވައްމުލަކަށް ތިޔަ ވިޔަފާރި ލިމިޓް ކޮށްގެން ތިޔާ ވިޔަފާރި މާވަޑި ފިހާރައިގެ ބޮޑުމީހާ ނިޔާ ވާތާ ގިނަވެގެން 6 މަސް ތެރޭ ބޭންކްރަޕްޓްސީ އިއުލާން ކޮށް ތިޔާ މާވަޑި ހޮޓާ ބަންދުކުރާނެއޭ. ކަން މިހެން ހުރުމުން ހުޅުމާލޭން ބިމެއް ގަނެގެން ނަމަވެސް ތިޔާ ހޮޓާ މާލެ ސަރަހައްދަށް ބަދަލުކޮށް އަދި މާވަޑިބޮޑު މީހާގެ ދަރިން ފްރެންޗައިޒް އުސޫލުނ
ތި ވިޔަފާރި ފުޅާކުރުމަށް ޓަކައި އަލިބެގެ ކުދިންއެބަޖެހޭ ވިޔަފާރި ތެރެއަށް ވަންނަން އެނޫން ނަމަ އިވްނިންގް ގްލޯރީ އަށްވީގޮތް ވާނީ އަދި ވިޔަފާރި ކުރާ މޮޑެލް ވެސް ބަދަލު ކުރަންވީ އޮންލައިން ކޮށް ހެދިކާ ވެސް ވިއްކަންވީ ރަށުގައި ޑެލިވަރީ ކުންފުންނެއް ހަދައިގެން އެކަންވެސް ކުރަންވީ..