ހުޅުމާލޭގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި 58 ރާފުޅި، 34 ބިއަރު ދަޅު، 33 ބޮގަރުފުޅި އާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޓެކްސީއެއްގެ ތެރެއިން އަތުލައިގަތް ތަކެތީގެ ތެރޭގައި އެ ކާރުން 34 ދަޅު ބިޔަރާއި ބޮގަރު ކަމަށް ބެލެވޭ އެއްޗެއްހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލުގެ އިތުރުން ކެނަބިސް ކަމަށް ބެލެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ. މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.
މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ ފްލެޓެއް ބަލާފާސްކޮށްފައިވާއިރު އެތަނުން އެއް ފްލެޓަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފައިހުރި 8 ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން މި އޮޕަރޭޝަނުގައި ފަސް ކާރެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބަލައި ފާސްކުރި ފަސް ކާރުގެ ތެރެއިން އެއްކާރުން ގިނަ އަދަދެއްގެ ބަނގުރާލާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.