އދ. ދަނގެތީގައި މަރާލި މަހުމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ރަހުމުކުޑް ގޮތަކަށް މަހުމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމް އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ސާލިމަކީ، އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލު ކޮށްފައިވާ މީހެއްކަމަށް ހަބަރުލިބެ އެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށްފަ އެވެ.
ފުލުހުންނާއި ފޮރެންސިކް ފުލުހުންގެ ޓީމުން ވަނީ އެ ގެ ހިމެނޭ ސަރަހައްދު ވެސް ބަންދުކޮށްފަ އެވެ. އެގެ ހުންނަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގަ އެވެ.
މި މައްސަލައާއި ގުޅިގެން ކުއްލިގޮތަކަށް ސާލިމް ހައްޔަރު ކުރުން ވެގެންވަނީ ދަގެނތީ ރައްޔިތުންނަށް ވަރަށް ބޮޑު ސިހުމަކާއި ހައިރާންކަމަކާ ކުރިމަތިކުރުވި ކަމަށެވެ.
މިގޮތުން އެރަށު ރައްޔިތުން ވަނީ ސާލިމްއަކީ އަބަދުވެސް ވަރަށް މަޑުމައިތިރިކޮށް ހުންނަ މީހެއް ކަމަށާއި އޭނާ އަކީ މީހުންނާ އެހާ ވާހަކަ ނުދައްކާ، މީހެއް ކަމަށް ބުނެފަ އެވެ. ހަމަ އެހެންމެ، އޭނާ އަބަދުވެސް އުޅެނީ އެ އުމުރުން ދުވަސް ވީ މީހާގެ ކަންކަމުގައި ކަމަށް ދަނގެތީ މީހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާއި ގުޅިގެން އެރަށުގެ މީހުން މަހުމޫދު މަރާލި ކަމަށް ތުހުމަތުކޮށް ފުލުހުންނާ ހަވާލުކޮށްފައި ވަނީ ތިން މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އަންހެނެއް ހިމެނޭއިރު، މި ތިން މީހުން އަދިވެސް ތިބީ ދަނގެތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.