ނިދަން އޮވެވޭގޮތަކުން ނިދުމަށް ދިމާވާ އުދަނގޫތަކުގެ ވާހަކަ، ނުވަތަ ރަގަނޅަށް ނުނިދޭ ވާހަކަ މިއީ އަހަރެމެންނަށް އާންމުކޮށް ދެއްކޭ ވާހަކަ އެކެވެ. ނިދަން އޮންނަ ގޮތަކުން އޭގެ އަސަރު ނިދުމަށާއި ތިމާގެ ހަށިގަނޑަށް ވެސް ކުރެ އެވެ.

ބަންޑުން އޮވެ ނިދުމަކީ ގިނަ ބައެއްގެ ކަށީގައި ހިފައިފައިވާ އާދައެއް ނަމަވެސް އެއީ ތިމާގެ ނިދުމަށާއި، ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

ބަންޑުން އޮވެ ނިދުމުގެ ސަބަބުން ނޭވާލާން އުދަނގޫވެ ދޭތެރެ ދޭތެރެއިން ނޭވާ ހިނގުން ބަންދުވާ ގޮތް ދިމާވެ އެވެ. މިހެން ވުމުގެ ސަބަބުން ރޭގަނޑުގެ ނިދި ރަނގަޅަށް ލިބުމަށް ފަހުވެސް މަސައްކަތުގެ ގަޑި ތަކުގައި ވަރުބަލިކަން އިހްސާސް ކުރެވި ކަންނެތްވާ ގޮތްވެ އެވެ. ހާއްސަކޮށް "އެސްތުމާ" ހުންނަ މީހުން ބަންޑުން އޮވެ ނިދުމުން އިތުރު މައްސަލަތަކާ ކުރިމަތި ވުން ގާތެވެ.

ބުރަކަށީގައި ރިއްސުމަކީ ބަންޑުން އޮވެ ނިދުމުން އެންމެ އާއްމުކޮށް ދިމާވާ މައްސަލަ އެވެ. ސަބަބަކީ ހަށިގަނޑުގެ މެދަކީ އެންމެ ބުރަ އުފުލާ ހިސާބަށްވެފައި ބަންޑުން އޮތުމުގެ ސަބަބުން ބުރަކައްޓަށް އެއްވެސް ވަރެއްގެ ލުޔެއް ނުލިބުމެވެ. މީގެ އިތުރުން ބަންޑުނު އާވެ ނިދާނަމަ ކަރާއި، މައި ބަދައަށް ވެސް ތަދުވެ ރިއްސާގޮތް މެދުވެރިވެ އެވެ. އާދަކޮށް މިގޮތަށް ނިދާނަމަ މިފަދަ ތަންތަނުގައި ދާއިމީ ގޮތަކަށް ރިހުން ހަރުލުމަކީ އެކަށީގެންވާ ކަމެކެވެ.

ހަމައެއާއެކު ބަންޑުން އޮވެ ނިދާއިރު ބޯ އެއްއަރިއަކަށް ބޭއްވުމުގެ ސަބަބުން ކަރަށް ނާރު އެރުން ފަދަ ކަންކަން ދިމާވެ އެކި ފަރާތްތަކަށް ކަރު އެނބުމަށް އުދަނގޫވެ އެވެ. އަދި ނިދިން ހޭލުމަށް ފަހު ބޮލުގައި ރިއްސާ އެ ރިހުން ގިނަ ވަގުތު ތަކަކަށް ދެމިގެން ދާ ގޮތްވެ އެވެ.

ބަންޑުން އޮވެ ނިދުމަކީ ހަށިގަނޑަށް މިހާ ގެއްލުން ލިބޭ ކަމަކަށް ވާއިރު އެއީ ދުރުވާން ޖެހިފައިވާ ވަރަށް ގޯސް އާދަ އެކެވެ.