މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ، ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން ތެރޭގައި ހިމެނޭ ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށް އެންމެ ފަހު ބޭއްވި އަޑުއެހުމުގައި ވެސް ކޯޓުން ނިންމައިފި އެވެ.

ކްރޫޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށް އާރިއަންގެ އިތުރުން ހަތް މީހަކު ހައްޔަރު ކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާރިޔަން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ތިން ފަހަރަކު ހުށަހަޅާފައިރުވެސް ކޯޓުން ނިންމާފައިވަނީ އޭނާ ދޫކޮށްލެވެން ނެތް ކަމަށެވެ.

އުމުރުން 23 އަހަރުގެ އާރްޔަންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަސްތުވާތަކެތި ވިއްކައި، ބޭނުން ވެސް ކުރި ކަމުގެ ދައުވާ އެވެ. ނަމަވެސް އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރު ކޮށްފަ އެވެ.

އޮޕަރޭޝަންގައި އާރިޔަން އާއެކު ހައްޔަރުކުރި ބައެއް މީހުން އަތުން ޑްރަގްސް ފެނިފައިވީ ނަމަވެސް އާރިޔަން އަތުން ޑްރަގް ފެނިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އާރްޔަންގެ ވަކީލު ސަތީޝް މަންޝިންޑޭ ވެސް ކޯޓުގައި ތަކުރާރުކޮށް ބުނަމުން ދިޔައީ އާރްޔަން ދިރިއުޅޭ ތަނަކާއި މުދަލަކުން ވެސް މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށާއި އޭނާ އެ ބޭނުން ކުރިކަން ވެސް ސާބިތުވެފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް، ކަފާލާތާ ގުޅޭގޮތުން މުމްބާއީގެ ކޯޓަކުން ވެސް ނިންމީ އާރްޔަންއަށް ކަފާލާތު ދެވެން ނެތް ކަމަށެވެ. އޭނާއަށް ކަފާލާތްދީ ދޫކޮށްލުމަށް އެދި އާރްޔަންގެ ވަކީލުން މިހާރު މަސައްކަތް ކުރަމުންދަނީ މުމްބާއީގެ ހައިކޯޓަކަށް މި މައްސަލަ ހުށަހަޅާށެވެ.