އިޖުތިމާއީ ކަންކަން ރަނގަޅުކުރުމަށް ކުރިއަށް އޮތް އަހަރު ފެށޭއިރު މިނިމަމް ވޭޖު ތައާރަފުކުރުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި. އަދި މީގެ ސަބަބުން ސަރުކާރުގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 15،000 އެއްހާ މީހުންގެ މުސާރައަށް ބޮޑުތަނުން ކުރިއެރުން ލިބޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި. އަދި ހަމަ އެއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 13،000 މީހުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވެވި.

މި ސަރުކާރު އައީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، ރަށެއްގެ އެއްވެސް ކަމެއް ރައްޔިތުން ބޭނުންނުވާ ގޮތަށް ދާނަމަ ނުވަތަ ސަރުކާރުގެ އެއްވެސްކަމެއް އިސްލާހުކުރަން އޮތް ނަމަ އެކަމެއް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ އއ. އަތޮޅުގެ ހަ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ސޯލިހު ވަނީ މި ސަރުކާރުން ރައްޔިތުން އެދޭ ކޮންމެ ކަމެއް ސަރުކާރުގެ ގާބިލުކަން ހުރި މިންވަރަކުން ވަކި ފިކުރަކަށް ވަކި ކުލައަކަށް ބެލުމެއްނެތި ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓު ހުށަހަޅާއިރު ރައްޔިތުންގެ ބޭނުންތައް ހިމަނައިގެން ބަޖެޓު ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް އަހަރުގެ ބަޖެޓާއި ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގާތްގަނޑަކަށް 36.9 ނުވަތަ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަންނަ އަހަރަށް ހުށަހެޅުމަށް މަސައްކަތްކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ އަމާޒު ހިފާފައިވާނީ މިހާރު ފަށާފައިވާ މަސައްކަތްތައް ނިންމުމަށާއި، އިޖުތިމާއީ ގޮތުން ކަންކަން ރަނގަޅު ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ޖެންޑާ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ގާތްގަނޑަކަށް ދެގުނަ ބޮޑު ބަޖެޓެއް މިއަންނަ އަހަރުގެ އެ މިނިސްޓްރީގެ ބަޖުޓުގައި ޖެހުމަށް ނިންމަވާފައިވާ ކަމަށެވެ.

ހަމަ އެއާއެކު އިޖުތިމާއީ ކަންކަން ރަނގަޅުކުރުމަށް ކުރިއަށް އޮތް އަހަރު ފެށޭއިރު މިނިމަމް ވޭޖު ތައާރަފުކުރުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ސަރުކާރުގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 15،000 އެއްހާ މީހުންގެ މުސާރައަށް ބޮޑުތަނުން ކުރިއެރުން ލިބޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. އަދި ހަމަ އެއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 13،000 މީހުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

މީގެ އިތުރުން މި ދަތުރުފުޅަށްފަހު، ރަށްރަށުގެ ވިޔަފާރިތަކުގެ ކަރަންޓް ބިލާއި، ގެސްޓް ހައުސް ހިންގާ ރަށްރަށުގެ ކަރަންޓު ބިލަށް ރަނގަޅުގޮތެއް ހެދުމުގެ މަސައްކަތާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެއްވުމަށް ފައްޓަވާނެ ކަމަށް ވެސް އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ މި ސަރުކާރުން ރިޔާސީ އިންތިޚާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީ ވަޢުދުތަކުގެ ތެރެއިން 90 އިންސައްތަ ވައުދު ފުއްދުމުގެ މަސައްކަތް އެކި ސްޓޭޖްތަކުގައި ފަށާފައިވާކަން އުފަލާއެކު ހާމަކުރައްވާފަ އެވެ. އަދި ކޮވިޑްގެ ހާލަތާއެކު ވެސް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް މި މިންވަރަށް ކުރެވިފައިވަނީ ދައުލަތުގެ ހިންގުންތެރި ފަރާތްތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެބޭފުޅުންނަށް އެމަނިކުފާނު ވަނީ ތައުރީފު ކުރައްވާފަ އެވެ.

ހިމަންދޫ ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރުން އެރަށުގެ ތަރައްގީއަށްޓަކައި ހިންގަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ކުޑަކުދިންގެ ޕާކާއި، އައުޓް ޑޯ ޖިމާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. އަދި އެރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، ހިމަންދޫ ސްކޫލުގެ 12 ކްލާސްރޫމުގެ އިމާރާތާއި، މަލްޓިޕާޕަސް ހޯލުގެ މަސައްކަތް މިހާރު ވަނީ ފެށުމުގެ ހިސާބުގައިކަން އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

ހިމަންދޫގައި ހުޅުއްވައިދެއްވި ބަނދަރަކީ 241 ފޫޓު ފުޅާ އަދި 91.3 ފޫޓު ދިގު މިނުގެ ބަނދަރެކެވެ. މި ބަނދަރު ހެދުމަށް 43،687،336.51 ރ. ޚަރަދުކޮށްފައިވެ އެވެ.