ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހދ. ކުޅުދުއްފުށީ ފުޓުބޯޅަ ދަނޑު ހުޅުވުމަށް ވަޑައިގެންނެވި ސަރަހައްދުގައި ބެނައެއް ދަމައިގެން އެ ރަށުން މީހަކު ހައްޔަރު ކޮށްފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެ ރަށު މުޖްތަބާ މުހައްމަދު ކިޔާ މީހެކެވެ. ބެނާ ދަމާފައި ވަނީ ރައީސް ސޯލިހު ކުޅުދުއްފުށީ ދަނޑު ހުޅުވުމަށް ވަޑައިގެން އެތަނުގައި އިންނަވަނިކޮށް ދަނޑު ކުރިމައްޗަށްވާ ގޮތަށް ހުރި ގެއެއްގަ އެވެ. އެ ފޮތިގަނޑުގައި ވަރަށް ބޮޑުކޮށް "އިންޑިއާ އައުޓް"، "އިބޫ އިސްތިއުފާ" އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައިވެ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ފުލުހުން ވަނީ އެގެއަށް ވަދެ އެގޭގައި ދަމާފައިވާ ބެނާ ނަގާފަ އެވެ. އަދި މުޖްތަބާ ހައްޔަރުކުރީ އެގޭ ގިފިލި ތެރޭގައި ހުއްޓާ ކަމަށާއި އެގެއަށް ވަދެފައި ވަނީ ކޯޓު އަމުރެއް ވެސް ނެތި ކަމަށް އެ މީހާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.