ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޒުވާނުންގެ ދުވަހަށް ހދ. ކުޅުދުއްފުށްޓަށް ކުރެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސް ގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ކުޅުދުއްފުށީގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުއްވައިދެއްވައި، އެ ދަނޑުގައި ގައުމީ ޓީމާއި ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ބައްލަވައިލައްވާފަ އެވެ. އަދި ޒުވާނުންގެ ދުވަހުގެ ޖަލްސާގައިވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް ސާލިހު ކުޅުދުއްފުއްޓަށް ކުރެވި ދަތުރުފުޅާ ދިމާކޮށް އެރަށުގައި ބެނާއެއް ދެމި މީހަކު އިއްޔެ ފުލުހުންވަނީ ހައްޔަރު ކޮށްފަ އެވެ.

ހައްޔަރުކޮށްފައިވަނީ އެ ރަށު މުޖްތަބާ މުހައްމަދު ކިޔާ މީހެކެވެ. ބެނާ ދަމާފައި ވަނީ ރައީސް ސޯލިހު ކުޅުދުއްފުށީ ދަނޑު ހުޅުވުމަށް ވަޑައިގެން އެތަނުގައި އިންނަވަނިކޮށް ދަނޑު ކުރިމައްޗަށްވާ ގޮތަށް ހުރި ގެއެއްގަ އެވެ. އެ ފޮތިގަނޑުގައި ވަރަށް ބޮޑުކޮށް "އިންޑިއާ އައުޓް"، "އިބޫ އިސްތިއުފާ" އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައިވެ އެވެ. އެގެއަށް ކޯޓު އަމުރަކާ ނުލާވަދެ ފުލުހުން އޭނާ ހައްޔަރުކުރީ ގައުމީ ސަލާމަތަށް ނުރައްކާ ވާކަމަށް ބުނެ އެވެ. ނަމަވެސް ފަހުން ނަސޭހަތް ދިނުމަށްފަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ހަމަ އެއާއެކު ދުބާއިގާއި ކުރިއަށްދާ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް ދުބާއީއަށް ފުރާ ވަޑައިގަންނަވާނެ އެވެ. ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ މި އެކްސްޕޯގައި އޮކްޓޫބަރު 25 ވަނަ ދުވަހަކީ ރާއްޖެ އަށް ހާއްސަކުރާ ދުވަސްކަމަށްވާތީ އެދުވަހާ ދިމާކޮށް ރައީސް އެކްސްޕޯއަށް ޒިޔާރަތްކުރައްވާނެ އެވެ. އެކްސްޕޯ އަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ކަނެކްޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ" އެވެ.